ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާއިއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ 'ގްލޯބަލް ޕޭރެންޓިންގ މަންތު' ނުވަތަ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބެލެނެވެރިކަމުގެ މައްސަރާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ.

އެ މެސެޖުގައި އެކަމަނާ ވަނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ.

ގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއިއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކުޑަ ކުއްޖަކާއި ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާ އެކީގައި އެކުއްޖާގެ އުމުރުފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭކަމުގައި ވިދާޅުވިއެވެ.

"ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް. އެގޮތުން މައިންބަފައިން ނުވަތަ އެކުދިންގެ ބެލެނިވެރިން އެކުދިން ތަރުބިއްޔަތު ރަނގަޅު ގޮތުގައި ތަރިބިއްޔަތު ކުރާނަމަ އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިވެފައި އޮންނަން އެބަޖެހޭ، އެގުޅުން ބަދަހި ކުރުމަށް ޓަކައި ތަފާތު އުމުރުގެ ކުދިންނާ އެކީގައި ތަފާތު ގޮތަށް ގުޅުން ބަދަހުކުރަން މިޖެހެނީ. ވަކިން ހާއްްސަކޮށް ކުޑަކުއްޖަކާ އެކީގައި ގުޅުން ބަދަހިކުރާނަމަ އެކުއްޖާ އެކުއްޖާގެ ލެވެލްގެ އެކްޓިވިޓީތަކުގައި އަޅުގަނޑުމެން އެބެޖެހޭ ބައިވެރިވާން." ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެކަމަނާ ވަނީ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނަށް ނުވަތަ މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށް އަދި އެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅުއްވައިފައެވެ.

ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ބެލެނިވެރިޔާ ޕްރޮގްރާމުގެ މަޤްޞަދަކީ، ކުދިންނަށް ރައްކާތެރިކަން ހޯދައިދީ، އެ ކުދީންގެ އަގު ވަޒަންކުރާކަން ޤަބޫލުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމެވެ.