ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ބަނގުރާ އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، އެތަކެތި އަތުލައިގެންފައިވަނީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން، ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ 183 ފުލުހަކާއި އެމްއެންޑީއެފްގެ 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިއޮޕަރޭޝަނުގެ ތެރެއިން މިއަދު މާފުށި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކުރިއިރު، އެ ޔުނިޓުތަކުން 29 މޯބައިލް ފޯނު، 17 ޗާޖަރު، 12 ހެޑްސެޓް، 3 ޕެންޑްރައިވް، 3 އެއާޕޮޑް، 3 ކޭބަލް، 2 ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވާ ކަމަށެވެ.

މިތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން

    ރާއްޖޭގެހާލަތު މިފެންނަނީ! ފުރަތަމަ އިސްލާހުވާންވީ ތަރައްގީވުމުގެކުރިން!

    28
  2. ރަޝީދުބޭ

    ޖަލުގަ ފޯނު ހުރުމަކީ މައްސަލައެއް ނޫން. ހުރިހާ ކުއްވެރިން ފޯނުން މަހްރޫމް ކުރުމަކީ ރަނގަޅު ކަމެއް ނޫން،.

    އެކަމަކު ޖަލުން ރާ ފެނިގެން ނުވާނެ.

    އެއީ ގޯސްވީ.

  3. ދާހިލީސަންގު

    މިފެންނަނީ ދީނާ މީސްތަކުން ދުރުވާވަރު ހަޜާމް ހަލަލެއް ބެލުމެތްނެތްކަން ތިޔަ ރިސްވަތުނަގާ އަދި ހަރާމް ފައިސާއިން އަނބިދަރިން ނަށާ މައިންފައިންނަށް ހަރަދު ކުރުމީ ކިހާވަރެއްގެ ކަމެތްކަން އިނގިހުރެމެ ބިރެއްނެއްކަން ދެން ތިމާއައް ބޮޑު ބަލިމަޑުކަމެއް ޖެހޭއިރު ގޮވާނެ ހާދަރަނގަޅަކަށޭ އުޅުނީ ނަމާދުވެސް ކުރަމޭ. .

  4. ޅާބު

    ތީވެސް ޖަލެއްދޯ މިގައުމުގެ ހާލަތު

  5. ރަށްފުށުސޮރު

    ޖަލުގައިވެސް ރާ ބޯލައިގެން ޕާޓީކޮށްލައިގެން ދޯ ގައިދީން މި އުޅެނީ�
    ފެންވަރުއިނގޭ

  6. ޖުއްލާބު

    ސާލާތަށް އުލައް އެރުވިޔަސް އިސްލާހު ނުވާނެ..