ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަދު ފަށައިފިއެވެ.

އާރްޑީސީން ބުނީ ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 6 ބައިވެރިން ބައިވެރިވާ ކަމަށެވެ. މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދެވޭނެ އެވެ.

ކޯޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި މި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ޠާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރްޑީސީން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު ޖޫން މަހު ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 5 ދަރިވަރަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ އެލަވެންސެއް ދީފައިވެއެވެ. ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމް ޚާއްސަ ކުރެވިފައިވަނީ 16-21 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މި ޕްރޮގްރާމަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި ޕްރޮގްރާމެއް ނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައެވެ. އަދި 5 ދަރިވަރަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.