ބުރޫނާއި ދާރުއްސަލާމަށް ރާއްޖޭގެ 20 އިމާމަކު ތަމްރީނުވުމަށް މި މަހު ފުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ވިދާޅުވީ ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ލިބިގަތުމުގެ ފުރުޞަތުގެ ދަށުން، ބުރޫނާއި ދާރުއްސަލާމަށް ރާއްޖޭގެ 20 އިމާމަކު މި މަހު 15 ގައި ފުރާނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއި ގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ސައުދީއަށް ވަނީ ފޮނުވާފައެވެ.

މިއަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރާނެ ކަަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން އިސް ނަގައިގެން ދާދި ފަހުން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ވުޒާރާގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުރަސްގެފާން

    މިނިސްޓަރ ސަހީމު ގެ ސިޔާސަތު ކޮރަޕްޓްކަން ފާހަގަވޭ

  2. ހެހެ

    ބުރޫނާއިއަށް ނުގޮސް ރާއްޖޭގައި އިމާމުކަން ތަމްރީނުނުކުރެވެންވީ ސަބަބެއްނެތެވެ. އަދިވެސް ބަލަނީ ދައުލަތުގެ ހަރަދުތައް ބޮޑު ކުރެވޭތޯހެއްޔެވެ؟؟