ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ޚަރަދު ނުކުރާ ކަަމަށް ވިދާޅުވެއްޖެއެވެ.

ވަޒީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިއުނިކޭޝަން (ޖީއެސްއެމްއޭ) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ދަތުރުގެ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ އިތުރުން ޓިކެޓަށް ދައުލަތުން ޚަރަދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ޓެކްސް ފައިސާ ދައްކާ މީހުންގެ ފައިސާ ޒިންމާދާރު ކުޑަގޮތަކަށް ޚަރަދެއް ނުކުރަން،" ޕޯސްޓުގައި ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ ދަތުރުފުޅުގައި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާއި ލާމަރުކަޒީ ނިޒާމް އިތުރަށް ތަަރައްޤީކުރުމާއި އެކަމުގައި އެހީތެރިވެވިދާނެ ގޮތްތަކާއި ބެހޭގޮތުން ޖީއެސްއެމްއޭ އާއި ޗައިނާގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ހުވާވޭއާއެކު މަޝްވަރާ ކުރެއްވި ކަަމަށެވެ.

ޑިޖިޓަލް ޒަމާނުގައި އިތުބާރު ބިނާކުރުމާއި ސައިބަރ ސެކިއުރިޓީގެ ވެށީގެ އައު ހައްލުތަކާއި އިސްތިރާޖީ ކަންކަން ބަލައި ދިރާސާކުރުމާއި ގުޅޭގޮތުން ބޭއްވޭ ޗައިނާ-އޭޕެކް "ކްލޯޒްޑް ޑޯ" ބައްދަލުވުމުގައި ވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސައިބަރ ސެކިއުރިޓީއަށް އިތުބާރު ޤާއިމުކޮށް އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ މިންގަޑުތަކާއި މުޢާހަދާތަކުގެ މުހިންމުކަމުގެ ދިރާސާއެއް ކުރުމާއި، ސައިބަރ ސެކިރިޓީގެ ދާއިރާ ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖަންސް، ފަދަ ޓެކްނޮލޮޖީ ރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ފުޅާ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އިތުރަށް ސައިބާރ ސެކިއުރިޓީގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރާއި، ތަޢުލީމީ ދާއިރާ އަދި އާންމު ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ޗައިނާގެ ޖީއެސްއެމްއޭ އޭޝިޔާ ޕެސިފިކް ރީޖަންގެ ފަރާތުން އިންތިޒާމުކުރި އެ ފޯރަމްގައި ރާއްޖޭގެ އިތުރަށް ނޭޕާލް، މޭލޭޝިޔާ، ތައިލެންޑްގެ އިތުރަށް ބަނގްލަދޭޝްއިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ބުނާނީތިހެން. މާދަމާ ނޫހުގަޖަހާފައޮތްވާފެންނާނީ ޗައިނާއަށްކުރިދަތުރަށް ޚަރަދުވީ1.7 މިލިއަންރުފިޔާކަމަށް.