ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއްކަން އެ ކުންފުނިން ހާމަކުރައްވާފައެއް ނުވެއެވެ.

"މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން، ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،". ސްޓެލްކޯއިން ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނުއިރު، ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވެއެވެ.