ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދުކުރުމުގެ ކުރިން އިލްމީ ދިރާސާއެއް ކުރުން މުހިންމު ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިފަތު ސައުދާ ވިދާޅުވެއްޖެއެވެ.

މެންބަރުންގެ އަދަދު މަދުކުރުމާއި ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ސައުދާ ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި އެންމެ ބާރަށް އަޑުއިވެމުން ދިޔަ ވާހަކައަކީ މަޖިލިސް މެންބަރުންގެ އިނާޔަތްތަކާއި، މުސާރައާއި، ދައުރު ނިމުނުން ދޭ އިނާޔަތްތަކާއި މަޖިލިސް މެންބަރުންގެ އަދަދު ވާހަކަ ކަމަށެވެ. އަދި މަޖިލިސް މެންބަރަކަށް ވުމަށް ވަކި ޝަރުތެއް އޮންނާކަށް ނުޖެހޭ ކަމަށް ވެސް ރައްޔިތުން ބުނަމުން ދިޔަކަމަށެވެ. މިއަދު ސަރުކާރުން ހުށަހެޅި ގަރާރަކީ އެ ޝަކުވާތައް އަޑުއެހުމަށްފަހުގައި ހުށަހެޅި ގަރާރެއް ކަމަށް ސައުދާ ވިދާޅުވިއެވެ.

"މިކަން ކުރުމަށް ވަރަށް ބައިވަރު މަޖިލިސް މެންބަރުންގެ ފަރާތުން އެކި އެކި ހިޔާލުތަކާއި މަޝްވަރާތައް ލިބޭ. ބައިނަލްއަގްވާމީ ގޮތުން މިކަން ކުރަން އޮންނަ ފޯމިއުލާ ބެލުމަކީ މުހިންމުކަމެއް. މި މަސައްކަތަށް ބޭނުންކުރާ ފޯމިއުލާތަކަކީ ރާއްޖެއަށް އެޕްލައިކުރެވޭނެ ފޯމިއުލާތަކެއް ކަމުގައި ބެލުން. މިހެން މިކަން ބަލާއިރު ރަނގަޅު އިލްމީ ދިރާސާއެއް ކުރުން. މި ދިރާސާގައި ފަންނީ ބޭފުޅުންގެ އިތުރުން ރައްޔިތުން ހިޔާލު ހިމެނުމަކީ މުހިންމުކަމެއް. އެހެންވުމުން މި ދިރާސާ ކުރުމަށްފަހު ނިކުންނަ ނަތީޖާއަކަށް ބަލާފައި އަދަދު ވެސް އަދި ޝަރުތުތައް ވެސް، މެންބަރުންނާއި ގުޅުން ހުރި ކަންކަމުގައި ރިއާޔަތް ކުރެވޭނެ." ސައުދާ ވިދާޅުވިއެވެ.

ސައުދާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ސިޓީތަކާ ބެހޭ މިނިސްޓްރީއިން އެމްއެންޔޫއާއި ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް މަޖިލީހަށް ވެސް އެމްއެންޔޫއާއި ނޫނީ ބޭރުގެ ބޭފުޅުންގެ ލަފާ ހޯދައިގެން އިލްމީ ދިރާސާއެއް ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. އޭރުން ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތަށާއި ރައްޔިތުންނަށް ހައްލެއް ލިބި ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު 20 ވަނަ މަޖިލީހުން ފެނިގެން ދިޔައީ ނަމޫނާ މަންޒަރެއް ކަމަށް ސައުދާ ވިދާޅުވިއެވެ. މިއަދު މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ އަމިއްލަ ފައިދާ އާއި މަންފާއަށް ނުބަލައި ދައުލަތަށް ފައިދާ ވާނީ ކިހިނެތްތޯ ވަރަށް ބޮޑަށް ވިސްނާ ވަޑައިގެން ވާހަކަދައްކަވާފައި ކަމަށް ވެސް ސައުދާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝިފާ

    އިލްމުން ފުރިގެން ތިބި މެންބަރުން ........

    6
    1
  2. އަވަށުމީހުން

    ސައުދާވެސް އަވަހަށް މުސާރަ ބޮޑުކުރޭ ތިތަނަށް ވަދުނު މީހަކު އަދި ގަދަކަމުން ނެރެންޖެހެނީ މަޖިލީހަށް ވަދެވުމާއިއެކު ރައްޔިތުން މަތިން ހަނދާންނެތޭ އަނެއްކާވެސް ވޯޓްލާންވީމާ އަންނާނެ ރައްޔިތުންގެ ވިންދުވެސް އެނގެއޭކިޔާފައި

  3. އަވަށުމީހުން

    ސައުދާވެސް އަވަހަށް މުސާރަ ބޮޑުކުރޭ ތިތަނަށް ވަދުނު މީހަކު އަދި ގަދަކަމުން ނެރެންޖެހެނީ މަޖިލީހަށް ވަދެވުމާއިއެކު ރައްޔިތުން މަތިން ހަނދާންނެތޭ އަނެއްކާވެސް ވޯޓްލާންވީމާ އަންނާނެ ރައްޔިތުންގެ ވިންދުވެސް އެނގެއޭ ކިޔާފައި

  4. Anonymous

    ކޮންމެ ކަމެއްގެ ތެރެއަށް ދިރާސާގެ ފަނި ކޮއްޕާނެ ކަމެއް ނެތެވެ. ލައްކަ ގިނަ ދިރާސާތައް ކޮށްފިއެވެ. އެދިރާސާތައް އުކާލީ ކޮނިގޮނޑަށެވެ.

  5. ލާންޖު

    މެންބަރުން މަދުކޮށް ކޮންމެ ރަށަކަށް އެންމެ މެންބަރެއް ހަމަޖައްސާ. ކައުންސިލު އުވާލާ އަތޮޅުވެރިޔަކު ހުރީމާ ހުންނާނީ ރަނގަޅަށް.

  6. އަބްދޫ

    އިލްމީ ދިރާސާއެއް ބެނުމެއްނުވޭ އެކަމަުކު ދިވެހިގައުމުގެ އަބާދީއާއި އެއްމިންވަރުގެ އާބާދީ ހިމެނޭގައުމުތަކުގެ މަޖިލިސްމެމްބަރުންގެ އަދަދީ ކިހާވަރެއްކަން ބެލުން ރަނގަޅު.

  7. ޒާ

    ދިރާސާ ކުރާނީ ގޭގައި. މިރާއްޖޭގެ ބަޖެޓަށް ނުކަތާވަރަށް ތި މީހުން އިތުރުކޮށް ލޫޓުވަން ފުރުސަތު ދީފައި ރައްޔިތުން މި ތިބެންޖެހެނީ އަނގަޔާއި އަތާއި ދިމާނުވެ ތަރައްގީގެ ކަންކަން ވެސް ފައިސާ ނެތިގެން ނުކުރެވިފައި. މީވާ ގައުމެއް.