ޑޮލަރު ގަތުމަށް މީހަކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް)އަށް ދިން ފައިސާއަށްވާ ޑޮލަރު އަދާކުރުމަށް އެފްއޭމްއިން ދިިން ޗެކު ބައުންސްވުމުން، އޭނާ ދިން ފައިސާގެ އަދަދަށްވާ 20،000 ޑޮލަރު ދައްކަން ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ.

މީހަކު އެފްއޭއެމްއާ ދެކޮޅަށް ކުރި ދައުވާގައި އެދިފައިވަނީ 308،400 ރުފިޔާ ދޫކުރުމުން، އެ ފައިސާ އަދާކުރުމަށް ޓަކައި އެފްއޭއެމް އިން ދޫކުރި 20،000 ޑޮލަރުގެ ޗެކް ރިޓާންވެފައިވާތީ، އެފްއޭއެމްގެ ކިބައި 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދު ހޯދުމަށެވެ.

ދައުވާ ފޯމާއި ލިޔުންތައް އެފްއޭއެމްއަށް ރައްދުކުރުމުން، އެފްއޭއެމްގެ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާތީ މި މައްސަލަ ކުރިއަށްގެންގޮސް ހުކުމްކޮށްފައިވަނީ އެފްއޭއެމްގެ ޣައިރުހާޒިރުގައެވެ.

މި މަައްސަލައާއި ގުޅިގެން ދައުވާކުރާ ފަރާތުން ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ 27،000 ރުފިޔާއެވެ. ދައުވާކުރާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާ ވަކީލުންނަށް ހަރަދުކުރަން ޖެހުނުކަން އެނގެން އޮންނާތީ ގާޒީ ނިންމެވީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 27،000 ރުފިޔާ ނަގައިދިނުމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީގެ ހުކުމުގައި އެންގެވީ، 1 ޖުލައި 2024 އިން ފެށިގެން 10 ދުވަސް ތެރޭގައި އެފްއޭއެމް އިން 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 27،000 ރުފިޔާ ދައުވާކުރާ ފަރާތަށް ދައްކައި ހަލާސްކުރުމަށެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހު ވެސް ސިވިލް ކޯޓުން ވަނީ އެފްއޭއެމް އިން ނަގާފައިވާ ފައިސާއަށް 50،000 ޑޮލަރު ނެގޭގޮތަށް ދޫކުރި ޗެކެއް ވެސް ރިޓާންވެފައިވާތީ އެ ފައިސާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައެވެ. އެ މައްސަލާގައި 771،000.00 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 5000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމްގެ ޣައިރުހާޒިރުގައި ހުކުމްކޮށްފައިވެއެވެ.

އެފްއޭމްގެ މައްޗަށް ޑޮލަރުގެ މުއާމަލާތްތަކާއި ގުޅޭ އެކި ދައުވާތައް އުފުލާފައިވާއިރު، ފީފާއިން އެހީގެ ގޮތުގައި ދިން 12.4 މިލިއަން ޑޮލަރު (191،208،000 ރުފިޔާ) އެކި ފަރާތްތަކަށް ވިއްކައިގެން ދިވެހި ފައިސާ ހޯދުމުގައި ރެކޯޑު ބެލެހެއްޓުމެއް އުސޫލެއް ނެތި އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޕީޖީ އޮފީހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މައްޗަށް ދައުވާކޮށްފައެވެ.

ޕީޖީ އޮފީހުގެ ދައުވާތަކުގައި ތުހުމަތުކުރާ ގޮތުގައި ބައްސާމް ވަނީ ފީފާއިން ދިން ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން އަމިއްލަ މުދާ ގަނެ ވިޔަފާރިކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ފީފާ އިން މިހާރު ވަނީ ބައްސާމް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަަސްޕެންޑުކޮށްފައެވެ.

ފީފާ އިން އެފްއޭއެމް ރައީސް ބައްސާމް ސަސްޕެންޑް ކޮށްފި