ވާނުވާ ބަންދެއް އަސްލު ނޯންނަ ކަމަށާއި، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ކޯޓުތަކުން މައްސަލަ ނިންމާނަމަ ބަންދުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި 350 އާ 400 އާދެމެދުގެ އަދަދަކަށް މީހުން ތިބޭނެ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ކޯޓުން މައްސަލަ ނުނިމޭތީ ކަަމަށް ފާހަގަކުުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ކޮންމެ މަހަކު އެވްރެޖްކޮށް 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާއިރު ކޯޓަކުން 16 މައްސަލައެއް ނުނިމޭ ކަމަށެވެ. އަދި މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުގެ މީހުންނާއި، މަރުގެ މައްސަލަތަކުގައި މީހުން މެރުމުގެ ތުހުމަތުގައި ތިބި މީހުންނާއި, ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގެ މީހުންނާއި، ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި ތިބި މީހުންގެ އިތުރުން މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ހުރިކަމަށް ތުހުމަތު ކުރެވޭ މީހުން އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ޕިޖީގެ ފަރާތުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދެނީ ގާނޫނުން އެގޮތަށް ކަނޑައަޅާފައިވާ ދާއިރާތައް ހިމެނޭ ކުށްތަކުގައި އެކަނި ކަމަށެވެ. އަދި އެ ދާއިރާތަކަށް ނުފެތޭޭ ކުށެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ޕީޖީއަށް ނުވެސް އެދެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މުޖުތަމައު އަށް ނުރައްކާވާނެ ކަމަށް ނުއެއް ބަލަން ގާނޫނުގައި ކަނޑައަޅާފައި ހުރި ކެޓެގެރީ ނޫނިއްޔަކާ. އެހެންވީމަ ގާނޫނަކަށް ގެންނަ ބަދަލަކުން ތިބޭފުޅުން ނިންމަވަންވީ މަސްތުވާތަކެތީގެ މައްސަލަ ތަކުގަ މީހުން ބަންދުގައި ނުބައިތިއްބަން. ނޫނިއްޔާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ބައެއް ނޫން ކަމަށް. އެހެން ކަނޑައަޅުއްވައިދެއްވައިފިއްޔާ އަޅުގަނޑު ތަންފީޒު ކުރާނަން،". ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، ވާނުވާ އަކީ އަސްލު ރަނގަޅު މަފްހޫމެއް ނޫން ކަމަށާއި ވާނުވާއެއް އަސްލު ނޯންނާނެ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، މިހާރު ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންވެފައި ހުރި ގޮތުން، ޖިނާއީ އިޖުރާއަތުގައި ކޯޓުން ކޮންމެ މައްސަލައެއްގައި ތާވަލެއް ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ކޯޓަކުން ތާވަލެއް ނުލިބޭ ކަމަށާއި ތާވަލު ހޯދުމަށް އެކިފަހަރު މަތިން ކޯޓަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ތާވަލް ދިނީމާ ބަންދުގަ ހުންނަ މީހައަށް އެނގޭނެ އޭނާގެ މައްސަލަ ފެށޭ ދުވަހާ ނިމޭނެ ދުވަހާ. އޭރަކުން އަސްލު ވާނުވާއަކަށް ނުއެއް ވޭ" ޝަމީމް ވިދާޅުވިއެވެ. އަދި ގާނޫނު ތަސައްވަރުކޮށްފައި އޮންނަނީ 6 މަސްދުވަހާ 1 އަހަރު ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމަށް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޝަމީމް

"ދެން އަޅުގަނޑު ވެސް ގަބޫލުކުރަން ކޯޓުގައި މައްސަލަތައް ގިނަވެ ވަސީލަތްތައް މަދުވުމަކީވެސް މައްސަލައެއް. ދެން އެ އަށް އަޅުގަނޑުމެން ކުރަން ޖެހޭ ފަރުވާތަކެއް އެބަހުރި އެހެން ދިމާތަކުގައި،". ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމަށް ކޯޓާއެކު ހާއްސަ މަސައްކަތްތަކެއް ކުރެވޭތޯ ބަލާ ކަމަށާއި މީގެ ކުރިންވެސް އެފަދައިން މަސައްކަތްކޮށް ގިނަދުވަސްވެފައިވާ 17 މައްސަލައެއް ނިމުނު ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް ނޫން ހަގީގަތުގަ ޝަރިއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަ ހައްލު ކުރުމަކީ. އެކަން ހައްލު ކުރުމަކީ މަޖިލީހުގަ އޮތް ކަމެއް ވެސް ނޫން. އެއީ ކޯޓުގަ އޮތް ކަމެއް ހަގީގަތުގައި" ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    އެހެންވީމާ ޖުޑިޝަރީ ނިދިން ހޭލައި ޤާނޫނާއި ޚިލާފަށް ކޯޓު ހިންގާނަމަވެސް ފިޔަވަޅު އަޅުއްވާ. މިގައުމުގައި ކޯޓެއްވިޔަސް އުސޫލުން ބޭރުން ހިންގަން ފުރުސަތު ދީގެން ނުވާނެ. އެގޮތަށް ބަންދުގައި އެއްވެސް ބަޔަކު ބޭތިއްބުމަކީ އަދުލުން ބޭރުން ދޭ އަނިޔާ.

  2. ޙެހެ

    ދެން ތި ލަސްކުރާ ކޯޓުތައް އާއްމުކުރަންވީނު އަދި އެކަން ނުކުރާ ޤާސީންވެސް ހާމަކުރަންވީނު ، މުސާރަނަގަންޏާ ހޭލަހުރެގެންވެސް މައްސަލަ ނިންމަންޖެހޭ ، މިހާރު ވަޒީފާގެ ނިޒާމު މި އޮންނަނީ ބައެއް އޮފީސްތައް އެބަފެށޭ ހެނދުނު 9 ޖަހާއިރު ، އެކަމަކު އެތަނެއްގެ ވެރިއެއް މިއަންނަނީ 11 ގެ ފަހުން ، ވެރިޔާ އޮފީހަށް ހާޒިރުވުން ލަސްވެގެން މޭޒުކޮޅުގައި އެތައް މައްސަލައެއް ، ވެރިޔާ ވަދެފަ 30 މިނިޓް ނުވާނެ ، އެފެށެނީ ފުލުފުލުގަ މީޓިންގ ، ވެރިޔާގެ ހަމައެކަނި " ސޭ" ލިބެންޖެހޭވެސް އެތައް މައްސަލައެއް 2 ދުވަހުން އެބަ " ސޭ " ލިބޭ ، މިހެން މިކަން ވާނެތަ!!

  3. ފަޒް

    ގާޒީ އިންނަސް ޕާރފޯމް ނުކުރެވޭނަމަ އެމީހުންގެ މުސާރަ 60% ކަނޑަން ހުށައަޅަން. ސަރުކާރަށާއި މަޖިލީހުގެ މެމްބަރުންނަށް ގޮވާލަން. މިއީ އަންއެކުސެޕްޓެބަލް ކަމެއް. ބޮޑު މުސާރަ ނަގައިގެން ހިހޫތަނުން ކާން އެއްވެސް ޣާޒީއަކަށް ފުރުސަތު އޮވެގެން ނުވާނެ. މައްސަލައަށް ޝަރީއަތަސް އެންމެން ހާޒިރުވެ 2 ގަޑި އިރުވާއިރު އެބަ ބުނޭ ގާޒީ ޗުއްޓީއޯ މުންޖޭ. އެކަމަކު އެހެން ސަރުކާރުގެ މުއައްޒަފުން ހާޒިރުނުވެވޭނަމަ އެބަޖެހޭ މާކުރިން އަންގައި ލީވް އަށް އެޕަލައި ކުރަން. ގާޒީއިން މިއުޅެނީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ގޮތަކަށެެއް ނޫން. ވީމާ މިކަމުގެ ޒިންމާ ގާޒީއިން ޖެހޭނެ އުފުލަން. ހުރިހާ ގާޒީންގެ މުސާރަ ކަނޑަން ގޮވާލަން.

  4. ހުސެއިން ޝާމް

    މޮލު ވާހަކަ ނުދއްކާ ކޮބާ ކަލެޔަށް އަހަރެން ލ ީ ސިޓީގެ ޖަވާބު.