މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބިގެން އައްޑޫގައި ކުރި މުޒާހަރާ ކޮންޓްރޯލްކޮށް ތަން ބެލެހެއްޓި ކަމަށްޓަކައި މިފްކޯއިން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްވާތީ މަސްވެރިން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އައްޑޫގައި 10 ދުވަސްވަންދެން މުޒާހަރާ ކުރިއިރު އޭއެފްސީގެ މުވައްޒަފުން ހުރިހާ ކަމެއް ބެލެހެއްޓީ ވަރަށް ޒިންމާދާރު ކަމާއެކީގައި ކަމަށާއި އެކަމަށް ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މިފްކޯގެ މެނޭޖްމަންޓާއި ގުޅިގެން ފެސިލިޓީ ބެލެހެއްޓުމާއި މުޒާހަރާގެ ހާލަތު މެނޭޖް ކުރުމުގައި ލާމަސީލު ނަމޫނާއެއް މުވައްޒަފުން ދައްކުވައިދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ވަރަށް ދަތި އުނދަގޫ ހާލަތެއްގައި މުޅި ކުންފުންޏާއި ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް އަމިއްލަ އިސް ނެގުމަށް ހާލަތު ބުނެދިނުމާއި މުޒާހަރާގެ ބައިވެރިންނާ މުއާމަލާތް ކުރުމާއި ފެސިލިޓީ ބެލެހެއްޓުމާއި މެނޭޖްމަންޓާ ގުޅިގެން މުޅި ހާލަތި މެނޭޖް ކުރުމުގައި ވަނީ ލާމަސީލު ނަމޫނާ ދައްކާފައި." މިފްކޯ އިން ބުންޏެވެ.

އެއީ މަސްވެރިކަމުގެ މުޅި ސިނާއަތުގެ ހައްގުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ކުރި މަަސައްކަތެއް ކަމަށާއި އެކަމުގެ އަގު ވެސް ވަޒަން ކުރާ ކަމަށް މިފްކޯއިން ބުންޏެވެ.

ކިރުވި މަހަށް ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަސް ފެކްޓްރީން ކަރަންޓު ކަނޑައި އެތަނުގެ މަސައްކަތް ހުއްޓުވައިފައެވެ. އެ މުޒާހަރާ ހުއްޓާލީ މިފްކޯ އިން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.