މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އިސްނަގައިގެން "ފަރުކޮއި" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ހިމެނޭ ސްނޯކްލިންގެ ބައި މުހިއްޔުއްދީން ސްކޫލްގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ހިމެނޭ 702 ދަރިވަރުންނަށް ހިންގައިފިއެވެ.

މުޙްޔިއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ނާޒިމާ އާދަމް މަނިކް ވިދާޅުވީ މުޙްޔިއްދީން ސްކޫލަކީ މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މި ހަރަކާތް ބާއްވާ ނިންމި ސްކޫލް ކަމަށާއި މި ހަރަކާތް ހިންގާފައި ވަނީ ވިލިމާލޭގައި ހުންނަ މޫދު ބުޅާ ޑައިވިންގ ސެންޓަރ އާއި ޑައިވާސް މޯލްޑިވްސްގެ އިތުރުން ލިކުއިޑް ވޯޓާ ސްޕޯޓްސްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ކިޔަވައިދޭ ދުވަސްތަކުގައި ދުވާލަކު ކުލާހެއް އަދި ބައެއް ދުވަސްތަކުގައި ދެ ކްލާސް ގެނެސްގެން ވޮލެންޓިޔަރުންގެ އެހީގައި ހުރިހާ ކުދިންނަށްވެސް ވަނީ މޫދުގައި ހުރި ގަލާއި މަސްތައް ބަލާލުމުގެ ފުރުސަތު ދީފައެވެ.

ޑެޕިއުޓީ ޕްރިންސިޕަލް ނާޒިމާ އަލި މަނިކް އިތުރަށް ވިދާޅުވީ ހުރިހާ ކުދިންނަށް ހިންގުނު މި ޕްރޮގްރާމް ނިންމާލެވުނީ 28 ދުވަހުން ކަމަށާއި މި ޕްރޮގްރާމް ހިންގުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުހެން މިނިސްޓަރ ގުޅުއްވާ މި ޕްރޮގްރާމް ހިނގާ ނުހިގާ ގޮތް ބައްލަވާ ހައްދަވާ ކަމަށެވެ.

"ފަރުކޮއި" ހަފްލާ ނިންމުމުގެ ގޮތުން މުޙްޔިއްދީން ސްކޫލުން ބޭއްވި ހަފްލާގެ ތެރެއިން - ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި "ފަރުކޮއި" ޕްރަގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލް ތަކުގެ ދަރިވަރުންނަށް ތިމާވެށީގެ މުޙިއްމުކަމާއި ނާޒުކުކަން އަދި ތިމާވެއްޓަށާއި ކަނޑުފަޅަށް ލޯބި ޖައްސައިގެން އެކުދިން އަމިއްލައަށް އެފަދަ ތަންތަން ތަޖުރިބާ ކުރުވައިގެން ތިމާވެއްޓާމެދު ހޭލުން ތެރިކުރުވާ ތިމާވެއްޓަށް ލޯބިކުރާ ބައެކަށް ހެދުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ތިމާވެއްޓައް ގެއްލުން ލިބޭ ކަންތަށް ތަކުން ދުރުހެލިވުމަށް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް މި އަހަރު ނިމުމުކުރިން ފަރުތަށް ބަލާލެވޭނެ މަގު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާގައި މުޙްޔިއްދީން ސްކޫލްގެ ފަރާތުން ވަނީ އެމަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ހިލޭ ސާބަހަށް އެ ސްކޫލަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށް ޙާއްސަ ހާރެއް އެފަރާތްތަކަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު