ކޮންމެފަދަ ކަމެއް ދިމާވިޔަސް ދީން ދޫކޮށްލައިގެން ނުވާނެ ކަމަށް ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އީޔޫގެ ގަރާރާއި ގުޅިގެން ދީނީ އިލްމުވެރިންނާއެކު މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށާއި މިފަދަ ގައުމަކަށް ޢައިރު މުސްލިމުން އައިސް ދީން ފެތުރުމާއި، ފައްޅި އެޅުމަކީ ހަރާމްކަމެއް ކަމަށެވެ.

"އިސްލާމުންގެ ހުރިހާ އިލްމުވެރިން އިއްތިފާގުވާކަމެއް އެއީ އެއްވެސް އިސްލާމީ ގައުމެއްގައި ޢައިރު މުސްލިމުންނަށް ފައްޅި އަޅާ ނުވަތަ އެ މީހުންގެ ދީންތަކަށް ދައުވަތު ދިނުން ފަދަ ކަންތައްތައް ކުރުމަކީ ކަނޑައެޅިގެން މަނާ ކުރައްވާ އަދި ހަރާމް ކުރައްވާފައިވާ ކަންތައްތައްކަމަށް" ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.

ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، މިއީ އެއްވެސް ވަރަކަށް ސިޔާސީ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ނޫން ކަމަށާއި އަދި މިއީ ދީނީ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޕާޓީތަކެއް ހެދިފައިވީކަމުގައި ވިޔަސް އަޅުގަނޑުމެންގެ ކޮންމެ ޕާޓީއެއްގައިވެސް ތިބީ މުސްލިމުން. އިސްލާމް ދީން ދެކެ ލޯބިވާ މީހުން. އެހެންވީމަ އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭރުގެ އަދާވާތްތެރިން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދީގެނެއް ނުވާނެ" ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.

ޝެއިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ކޮންމެ ފަދަ ކަމެއް ދިމާވިކަމުގައި ވިޔަސް ދީން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ދީނަށް ނިކަމެތިކަން އަންނަ ވަރުގެ ކަމެއްކޮށްގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އީޔޫ ގެ ގަރާރުގައި ދީނުގެ ވާހަކަ އޮތް ތަނެއް ނުދެކެން. އެ ގަރާރުގައި ބުނަނީ ގާނޫނު އަސާސީ އާ އެއްގޮތަށް ކަންކަން ކުރުމަށް. ޤާނޫނު އަސާސީ ގައި ބުނަނީ އިސްލާން ދީނުގެ އަސާސްތަކާ ޚިލާފު ކަންކަމަކީ ބާޠިލް ކަންކަމޭ. ދެން އެގަރާރުގައި އެބުނެވެނީ ކީކޭ؟