ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ދައުލަތުގެ ހަރުމުދަލާއި އެ މުދަލުގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މާލިއްޔަތު ގާނޫނުގައި ބުނެފައި ވަނީ ދައުލަތުގެ ތަނަކަށް ގެންނަ ނުވަތަ ހަދިޔާގެ ގޮތުގައި ލިބޭ ހުރިހާ މުދަލެއްގެ ދަފުތަރެއް ބަހައްޓަންވާނެ ކަމަށާއި އެ މުދާތަކުގެ މުހިންމު މައުލޫމާތުވެސް ހިމަނަންވާނެ ކަމަށެވެ. އަދި ދައުލަތަށް ލިބޭ މުދަލުުގެ ހިސާބު އެކިބައިބައި ވަކިވަކިން އެތަކެއްޗަށް އަންނަ އުނި އިތުރު އެނގޭ ގޮތަކަށް ބަލަހައްޓަންވާނެ ކަމަށެވެ.

އެހެެން ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭނުމަށް ގެނެސްފައިވާ ބައެއް ހަރުމުދާ އެއްގޮތަކަށްވެސް ހަރުމުދަލުގެ ރެޖިސްޓްރީގައި ހިމަނާާފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމު ދުއްވާ އުޅަނދުތަކާއި، ސޯފާ ސެޓާއި، ކާޕެޓާއި ރަގް ފަދަ އަގުބޮޑެތި މުދާ ހިމެނޭ ކަމަށް ވަނީ ފާހަގަ ކޮށްފައެވެެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަރުމުދާ ނީލަން ކިޔުމަށްފަހު ލިބޭ މުދާ މާލީ ބަޔާންތަކުން އުނިިކޮށްފައިވާއިރު ހަރު މުދަލުގެ ރެޖިސްޓްރީއިން މުދަލުގެ އަގު އުނިކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މާލީ ބަޔާންތަކުގެ ތެރޭގައި އިތުރު މައުލޫމާތުގެ ގޮތުގައި ހިމެނޭ 121،264،635 ރުފިޔާ އަކީ ތަނުގެ ހުރި ހަރު މުދަލުގެ ސައްހަ އަގުކަން ޔަގީން ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޯޓުގައި ލަފާ ދީފައި ވަނީ މާލިއްޔަތު ގާނޫނުގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ހަރު މުދާ ހަރުމުދަލުގެ ރެޖިސްޓްރީގައި ހިމެނުމަށެވެ.