ބްރިޖާއި ގުޅިގެން ހަދަން ޖެހޭ މަގު ހެދުމަށް މާލޭގެ ދެކުނު ފަރާތުގައިވާ ވިޔަފާރި ގާޑިޔާތައް ނަގައި، ރަސްފަންނާއި ސުނާމީ ބިނާއާ ދެމެދު އޮތް ސަރަހައްދަށް ބަދަލުކުރަން ނިންމައިފި އެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ގާޑިޔަލެއް ހިންގާ މީހެއް ބުނެފައި ވަނީ ގާޑިޔާތަށް ނަގަން ޖެހޭކަން ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ގާޑިޔާތައް ނަގާނެ ވަކި ދުވަހެއް އަދި ނާންގާ ކަމަށް ވެސް އެ މީހާ ބުންޏެވެ. މާލޭގެ ދެކުނު ފަރާތަކީ އަމިއްލަ ގިނަ ފަރާތްތަކަކުން ގާޑިޔާ ހިންގަމުން އަންނަ ތަނެކެވެ.

ބްރިޖުގެ މައި މަގު ހެދުމަށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަހަރުގެ ތެރޭގައި ވަނީ ބުނެފައެވެ. އަދި ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމައަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ.

އަދި ހައުސިން މިނިސްޓްރީން ވަނީ ބްރިޖާއި ގުޅިގެން ހަދާ މަގު ހެދުމަށް "ސައިޓް ކްލިއާ" ކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައިފަ އެވެ. އަދި މިއަހަރުގެ ތެރޭގައި ބްރިޖްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ހައުސިންގް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.