ޓެރެރިޒަމްގެ ދައުވާ ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށް މިއަދުވެސް މާލެ ގެނެސްފިއެވެ.

އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެކުރިން ވެސް ޑޮކްޓަރަށް ދެއްކުމަށް އިމްރާން މާލެ ގެނެސްފައި އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ދެއްކުމަށްފަހު ގެންގޮސްފައެވެ. އަދާލަތު ޕާޓީ އިން ވަނީ އިމްރާން އަށް އެކަށީގެންވާ ފަރުވާ ނުލިބި އޭނާގެ ހާލު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން އަދާލަތު ޕާޓީން ބުނާގޮތުގައި މީގެ ދެމަސް ކުރިން އިމްރާން ޑޮކްޓަރަށް ދެއްކުމުން ލޭގައި ސޯޑީއަމް މަދު ކަމަށް ބުނެފައިވެއެވެ.

2015 ވަނަ އަހަރުގެ މެއި ޑޭ ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުގެ ސަބަބުން، ޝެއިޚް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި އެވެ.

މިހާރު އިދިކޮޅު ފަރާތްތަކުން މާލޭގެ އަމާންކަން ނަގާލަން ހިންގަމުންދާ މުޒާހަރާތަކުގައި އިމްރާންގެ އަނބިކަބަލުން ބައިވެރިވެސް ވަޑައިގަންނަވާކަންވަނީ ފާހަގަ ކުރެވިފައެވެ. އިމްރާން ޖަލުގައި ހުންނަތާ 1000 ދުވަސް ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި އިމްރާން ގެ އަނބިކަނބަލުން އައިޝަތު ރީމް ފަހަކަށް އައިސް އިދިކޮޅު ސިޔާސީ ހަރަކާތްތަކުުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.