ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދީ ހެދި ވީޑިއޯ އުފައްދައި ޔޫޓިއުބްގައި އާއްމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަސަން އިސްމާއިލް ދޫކޮށްލައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހަސަން ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ މިއަދު ދޫކޮށްލީ
ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ވީޑިޔޯ ހެދުމުގެ ތުހުމަތުގައި ހަސަންގެ އިތުރުން ރާއްޖެ ޓީވީގެ ޕްރޮގްރާމް ޑިޕާޓްމަންޓްގެ ހެޑް އާމިރު ސަލީމާއި، އެތަނުގެ ނޫސްވެރިޔާ މުހައްމަދު ވިސާމު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެ ނޫސްވެރިންގެ ބަންދަށް މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

ޔޫޓިއުބަށް އަޕްލޯޑު ކުރި އެ ވީޑިއޯގައި ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެ ތެރެއިން އިސްކޮށް ވާހަކަ ދެއްކި މީހާ ބުނީ މިހާރު ކަންތައް ހިނގަމުންދާ ގޮތުން ފުލުހުންގެ މުއައްސަސާ ވެފައި ވަނީ ޕީޕީއެމްގެ ޖަގަހައަކަށް ކަމަށެވެ.

ވީޑިއޯގައި ވާހަކަ ދެއްކި މީހާ ވަނީ ފުލުހުން ސިޔާާސި ކުރުމަށް މަސައްކަތް ނުކުރަން ގޮވާލާފައެވެ. އަދި އޭނާ ބުނީ ފުލުހުން ބޯލަނބަން ޖެހޭ އެއްވެސް ސިޔާސީ ކުލައެއް ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

"ގާނޫނު އަސާސީއަށް ރުޖޫއަ ނުވެއްޖެނަމަ އޭޕްރިލް އެކެއްގައި މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން." އޭނާ އިންޒާރު ދިނެވެ.