މިހާރު އެންމެ ބާރު ސްޕީޑްގައި މަސައްކަތް ކުރަމުން އަންނަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ އެކު، މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، އެ މަސައްކަތުގެ ތެރެއިން ހެންވޭރު އާޓިފިޝަލް ބީޗުގައި ހުންނަ ސްޓޭޖު ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފަށާފައި ވަނީ އިއްޔެވެ. މިދިޔަ ހަފްތާ ތެރޭގައި އާޓިފިޝަލް ބީޗް ސަރަހައްދުގެ ބޭރުގައި ހުންނަ ކުޑަ ފާރު ބުރި ނަގާފައެވެ. އަދި އެ ސަރަހައްދުގެ ހުރި ބައެއް ގަސްތައް ވަނީ ކަނޑާފައެވެ.

އިއްޔެ އާޓިފިޝަލް ބީޗުގެ ހުންނަ ބޮޑު ސްޓޭޖް މަތި ހިޔާ ކުރުމަށް ހަރުކޮށްފައި ހުރި ދަގަނޑު ފްރޭމް ވަނީ ނަގާފައެވެ. އަދި މިއަދު އެތާ ސްޓާޖް ތަޅާލާނެކަމަށް ބެލެވެއެވެ.

ހައުސިންގ މިނިސްްޓްރީން ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރު އަޅާށެވެ. މިހާރު އެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނުމަގުގައި ގާޑިޔާތައް ވަނީ އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ހައުސިންގ މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި 450 އެއްހާ ގަސް އިންދާނެ ކަމަށެވެ. އެ މަގުތައް ހަދަނީ ރިންގް ރޯޑެއްގެ ގޮތުގައެވެ.

މިގޮތަށް މިނިސްޓަރު ވިދާޅުވިއިރު، ބްރިޖަށްދާ މަގުތައް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.