ވައިފުޅި އަޅައިގެން އެންހިފަން ފީނަން އުޅުމުގެ ތެރޭގައި "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ)

މީހަކަށް ފަރުވާ ދިނުމަށް އައްޑުއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޑީކޯ ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވާ ކަމަށެވެ.

ޑީކޯ ވެގެން ގދ. ގައްދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން 30 އަހަރުގެ މި ފިރިހެން މީހާ، އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ރޭ 00:45 ހާއިރުއެވެ. މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސް އިތުރު ފަރުވާދޭން ޝަންގްރިއްލާ ރިސޯޓަށް ސީ އެމްބިއުލާންސްގައި ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ގދ.ގައްދޫ ފްލައިންގ ފިޝް ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏަކުން އެންހިފަން ފޭބި މި މިމީހާ އިއްޔެ ވަނީ 49 މީޓަރުގެ ފުންމިނަށް ފީނާފައެވެ. އަދި މި ފީނުމުގައި 39 މިނިޓުގެ ވަގުތު ހޭދަކޮށްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ގދ.ގައްދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރުން މި މީހާ ސިއްޙީ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ގަމަށް ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މިއީ ފާއިތުވި ފަސް ދުވަސް ތެރޭގައި ޑީކޯ ވެގެން ފަރުވާ ދޭން ޖެހުނު ދެވަނަ މީހާއެވެ. ފީނަން އުޅުމުގެ ތެރޭގައި ގިނަ ފަހަރަށް ޑީކޯ ވަނީ ފީނާ އިރު އަމަލު ކުރަން ޖެހޭ ޤަވައިދުތަކަށް އަމަލު ނުކުރާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެ

    ޑައިވިން ކުރާ ކުދިންނަށް ވެދުން ސަލާމާއެކު ބުނަމެވެ. ޑައިވިން ކުރުމަކީ އެކަމުގެ ގަވާޢިދު ތަކާއި ޚިލާފަށް އެކަން ކުރާނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ.