މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް ބަލިވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 09:48 ހާއިރު ލިބުމާއެކު އެމްއެންޑިއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ހާލު ދެރަވެގެން ގެންނަނީ ހއ.ހޯރަފުށީގެ ހުޅަނގު އުތުރުން145 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަޒުރޯ" ނަމަކަށް ކިޔާ ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ދިވެއްސެކެވެ.

އުމުރުން 54 އަހަރުގެ މި މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ކުއްލިއަކަށް އެއްފަޅި ވާގި ނެތި ހާލު ދެރަވެގެން އަވަސް ފަރުވާ ބޭނުންވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި އޮތް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "މާފަތް" ލޯންޗު ހދ.ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ގޮސްފައިވަނީ މިއަދު ހަވީރު 17:35 ހާއިރުއެވެ.

މި މީހާ ހދ.ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 20:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.