ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް އާއި ގުޅިގެން އިންޓަރނޭޝަނަލް ޙަލާލް މެނޭޖްމަންޓު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ގައުމީ ޔުނިވަރސިޓީގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޑީން ޕޮރްފެސަރ އާމިރު ޝަހަރުއްދީން ކަމަށްވާއިރު މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އިބްރާހިމް ދީދިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިކޮންފަރެންސް އޮންނާނީ މިއަހަރު ޖުލައި 17 އިން 18 އަށް މާލޭގައެވެ.

"ސަސްޓެއިނިންގ ގުލޯބަލް ޙަލާލް އީކޯސިސްޓަމް" ގެދަށުން ބާއްވާ މި ކޮންފަރެންސުން ޢިލްމީ ދިރާސާތަށް ހުށަހަޅައި ދުނިޔޭގެ ކުންފުނިތަކުން ޙަލާލްގެ މިންގަޑުތައް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން މައުލޫމާތުދެއެވެ.

ދުނިޔޭގައި "ޙަލާލް ކޮންސެޕްޓު"ގެ އުފެންދުންތަކަށް 2.77 ޓްރިލިއަން ޑޮލަރުގެ މާރކެޓެއް އޮންނައިރު މިފަދަ މާރކެޓަކަށް ވިޔަފާރިތަށް އަހުލުވެރި ކުރެވިދާނެ ދިރާސާތައް ހުށަހަޅައިދޭނެ މުހިންމު ކޮންފަރެންސަކަށް މި ކޮންފަރެންސް ވެގެންދާނެ ކަމަށްވެސް އެމްއެންޔޫ އިން ހާމަކުރެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރިސާޗަށް ޙާއްސަ އަހައްމިއްޔަތުކަމެއް ދީގެން ފަންނީ ޢިލްމީ ދިރާސާތައްކޮށް، އަދި ކުރަމުންދާ ޔުނިވަރސިޓީއަކަށް ވެފައި މިފަދަ ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ މި ރޮގުން ޙާސިލްކުރެވޭނެ ޙާއްސަ ކޮންފަރެންސަކަށް ވާނެ ކަމަށް އެ ޔުނިވާސިޓީ އިން ބުންޏެވެ.

ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދާއިރާތަކުން ތަޢުލީމު ހާސިލްކުރެވެން ހުރި ހަމައެކަނި ޔުނިވަރސިޓީ އަށް ވާއިރު ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ޙަލާލް ކޮންސެޕްޓު ޢިލްމީ ދިރާސާތަކުން އެނގި ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގައި ޙަލާލް ކޮންސެޕްޓް ގެންގުޅެވިދާނެ ގޮތްތައް މި ކޮންފަރެންސް މެދުވެރިކޮށް މުދައްރިސުންނަށާއި ދަރިވަރުންނަށް އެނގިގެން ދާނެއެވެ.