މީހަކު މަރާލި ބިދޭސީއެއްގެ މައްސަލަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށައިފިއެވެ. އައްޑޫގެ ކުލިނިކެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސިއެއްގެ މައްސަލައެއް އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށާފައިވާއިރު މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މީހަކު މަރާލާފައި، ކުރިން ބޭނުންކުރި ނަމުގެ ބަދަލުގައި އެހެން ނަމެއްގައި ރާއްޖެއައިސް ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ކުލިނިކުގެ ލެބޯޓްރީގައި ބާސްކަރު ސްރިވަސްތާގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ މި މިހާ ރާއްޖެ އައީ ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ކުލިނިކުގެ ލެބްގައި މަސައްކަތް ކުރުމަށެވެ.

އިންޑިއާގެ ބެންގަލޫރުގެ މި މީހާއަކީ 2006 ވަނަ އަހަރު މީހަކު މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާ މީހެކެވެ. ބާސްކަރު ސްރިވަސްތާގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓެއްގައި އައްޑޫގައި މަސައްކަތް ކުރަމުން އަންނަ މި މީހާގެ އަސްލު ނަމަކީ ގުރުރާޖު ކިޝޯރު ކަމަށް އޭއޯ ނިއުސް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިންޑިއާގެ ދި ހިންދޫ ގައި 2006 ވަނަ އަހަރުގެ ރިޕޯޓު ކޮށްފައިވާ ޚަބަރުގައި ބުނާ ގޮތުން ގުރުރާޖު ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ތާނިޔާ ބަނާޖީ މަރާލި ކަމަށް އެއްބަސްވެފައެވެ.

އޭނާއަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގައި މީހަކު މަރާލި ކަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހަކު މަރާލިކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ މީހެކެވެ.

އޭނާ އައިއެމްޑީސީ އަށް ވަޒީފާއަށް އައީ ވަޒީފާއަށް މީހުން ނަގާ އާންމު އުސޫލުގެ ދަށުން އެއްވެސް ކަހަލަ މައްސަލައެއް ނެތި ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހަޅައިގެން ގަވައިދުގެ ދަށުން ކަމަށް އައިއެމްޑީސީއިން ބުނެއެވެ. އޭގެ ފަހުގައި އަމިއްލައަށް އެދިގެން އެއިމްސް ކުލިނިކަށް އޭނާ ވަނީ ބަދަލުވެފައެވެ.

ތާނިޔާ މަރާލުމަށް ފަހު އޭނާވަނީ ތާނިޔާގެ ހަށިގަނޑު ޝިރާދީ ހަޓްސް ކިޔާ ސަރަހައްދަކަށް އެއްލާލާފައެވެ. އަދި ތާނިޔާގެ ފޯނު ނަގައި އޭނާގެ 2 ރައްޓެއްސަކަށް މިދަނީ ކަލްކަތާއަށް ކަމަށް ބުނެ މެސެޖް ކުރި ކަމަށް ވެސް ގުރުރާޖު ވަނީ ބުނެފައެވެ.

ގުރުރާޖާއި 25 އަހަރުގެ ތާނިޔާ މަސައްކަތް ކުރަމުން ގެންދިޔައީ އެއް އޮފީހެއްގައި ކަމަށާއި އޮފީސް ނިމިގެން ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ގުރުރާޖު، ތާނިޔާގެ އުޅުން އިސްލާހު ކުރުމަށް ވާހަކަ ދެއްކުމުން ތާނިޔާ ރުޅިއައިސްގެން ގުރުރާޖުގެ މޫނުމަތީގައި ޖެހިކަމަށް ދި ހިންދޫގައި ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ. އަދި ގުރުރާޖު ރުޅިއައިސްގެން ތާނިޔާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށް އޭނާއަށް ހަމަލަދީ މަރާލީ ކަމަށް ރިޕޯޓުގައި ވެއެވެ.