ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރާއިރު އަމަލުކުރާނެ ގޮތާއި ކޯޓަށް ހާޒިރު ކުރަން ޖެހޭ މީހުންނާއި ކޯޓު އަމުރު ހަވާލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ ޤަވައިދަކަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

ގެޒެޓް ކޮށްފައިވާ ޤަވައިދުގައި ބުނެފައިވާ ގޮތުގައި ކޯޓަށް ހާޒިރުވާން ޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ ހާޒިރުވުމުގެ އަމުރު އެމީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. ކޯޓަށް ހާޒިރުވާންޖެހޭ މީހާއާ ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުނުކުރެވިއްޖެނަމަ އޭނާ ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާއި އަމުރު ހަވާލު ކުރުމުން އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެއެވެ.

އެގޮތައް އަމުރު ހަވާލުކުރެވިފައި ވަނިކޮށް އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނު ކަމަށް އިންކާރުކުރާ ހާލަތުގައި ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރަން ދިޔަ ފަރާތުން އަމުރު ހަވާލުކުރި ކަމަށް ބުނެ ދޭ ހެކިބަހަކީ ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެ ކަމަށް ވެސް ޤަވައިދުގައި ބުނެފައިވެއެވެ.

ކޯޓު އަމުރާއި ހަވާލުވުމަށް ފަހު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އޭނާ އާއި މެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ވެސް ޤަވައިދުގެ ދަށުން ވަނީ ކޯޓަށް ދީފައެވެ.

އެ ގަވާއިދު ބުނާގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު މަގްބޫލު އުޒުރެއް ނެތި ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ އެ މީހަކު 75ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. ހާޒިރުނުވީ ދައުލަތުގެ މުއައްސަސާއަކުން ކަމަށް ވިޔަސް އެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ވެ އެވެ. އަދި ހާޒިރުނުވި ފަރާތަކީ ދައުވާލިބޭ ފަރާތް ކަމަށްވާ ނަމަ، އެ ފަރާތެއް ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް ވެސް ޤަވައިދުގައި ވެއެވެ.