ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ހުއްދައިގެ ބޭނުން ނާޒާއިޒުގޮތުގައި ހިފާ މާލެއާއި ރަށްތަކުގައި އެތަކެތީގެ ވިޔަފާރި ކުރާ ހުރިހާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ރާފުޅި ހިފެހެއްޓުމާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ފުލުހުން ވިދާޅުވީ ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ހުއްދައިގެ ބޭނުން ނާޒާއިޒުގޮތުގައި ހިފާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ބަނގުރާ އެތެރެކޮށް ވިޔަފާރި ކުރުމަށް ދެވިފައިވާ ހުއްދަ އަކީ ދިވެހި ރާއްޖެއަށް އެތެރެވާ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ދެވިފައިވާ ހުއްދައަކަށް ވާއިރު ބައެއް ފަރާތްތަކުން މި ހުއްދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަނގުރަލުގެ ވިޔަފާރި މާލެ އަދި މީހުން ދިރިއުޅޭ އެކި ރަށްތަކުގައި ކުރަމުންދާކަން ފާހަގަ ކުރެވޭ. އެހެން ކަމުން މިފަދަ ކަންކަމުގައި ހިމެނޭ ހުރިހާ ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ވާހަކަ އަޅުގަނޑު ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތަަކުގައި ބޭނުން ކުރަމުން ދަނީ މިފަދަ ކުށްތައް ހިންގާ ފަރާތްތަކާއި އެކި ގޮތްގޮތުން ގުޅުންހުރި އުޅަނދުފަހަރާއި ގުޅުންހުރި ފަރާާތްތައް މަސައްކަތް ކުރަމުންދާ އުޅަނދުފަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެން ކަމުން ސަފާރީތަކާއި ލޯންޗުފަހަރުތަކުގެ ވެރިފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުވެ އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ގެތަކުގައި ބަނގުރާ ސްޓޮކްކޮށްގެން އޭގެ ވިޔަފާރި ކުރަމުންދާތީ ގޭގޭގެ ވެރިފަރާތްތަކުންނާއި ތަންތަން ކުއްޔަށް ދޭ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މިފަދަ ކަންކަމުގައި އާންމުންްގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައި ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ ލަސް ނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަސްޓް

    މާލެ އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ، ހަ މީހަކު ހައްޔަރުކޮށްފި ނަމަ މީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ. މާލެ ލިޓިކް ޓޯކިޔޯ އަށް ހެދޭނީ ދެން މާލެ އަށް ކަނޑުދުއްވާ އުޅަނދު ފަހަރު ކައިރި ކުރާ ގޮތަށް ހެދުން ހުއްޓާލާ ހުރިހާ އުޅަނދު ތައް ގުޅި ފަޅަށް ގޮސް ގުޅި ފަޅުން ބްރިޖް ގައި ޕަބްލިކް ސްކައި ޓްރެއިން ގައި މާލެ އަށް އައުމުންނޭ. މާލެ އަށް ކަނޑުމަގުން އުޅަނދެއް އެތެރެވާނަމަ އެތެރެވާން ޖެހޭނީ ހަމަ އެކަނި އެމްޕީއެލް ސަރަހައްދަށޭ އެމްޕީއެލް މިހާރު އޮތް ތަން އެކަމަށް ޚާއްސަ ކޮށް ވިޔަފާރި ބަނދަރު މިހާރު އޮތް ބަނދަރާއި ޖެހިގެން ކަނޑުހިއްކާލާ އެތަނަށް ބަދަލު ކުރަން ވީއޭ. އިޓްސް ޖަސްޓް އަ ވެނިސްޑޭ ފީލިންގް..

  2. ކާކު ބުނީ

    ބަނގުރަލުގެ ވިޔަފަަރީގެ ނާޖާއިޒު ފައިދާ؟؟؟
    މާތްﷲ ހަރާމް ކުރައްވާފައިވާ އެއްޗެއް ހުއްދަކުރުމުގެ ބާރު ކާކުތޯ ދިނީ؟؟ ރައްޔިތުންނަށް ހަމަ އޯކޭ ދޯ؟؟ އެއްވެސް ސިޔާސީ އަކަށް އެއްޗެއް ބުނަން ނުކެރެނީ ކީއްވެ؟؟ ގައުމު އިސްލާހުކުރާށޭ ކިޔައިގެން ފިތުނަ ފަސާދަ ފެތުރުން ނޫން ކޮންކަމެއްތޯ ކުރަނީ؟؟
    މިކޮމެންޓް ނުޖަހާނެކަން އިނގޭ.

  3. Anonymous

    ރަލާއި އޫރު މަހަކީ ޤްރުއާނުގެ ނައްސުން ހަރާމް ކުރައްވާފައިވާ އެއްޗެއް ހުއްދަ ދޭމީހާ އާއި އެކަމައް ގާނުނު އަދި ގަވާއިދު ހަދާ މީހާ އާއި އެކަން ތަންފީޒު ކުރާމީހާ އަދި އކަމުގެ ލިޔުންތައް ލިޔާމީހާ އާއި އެ އެތެރެކޮއް އުފުލާ ެކަން ބަލަހައްޓާ އެންމެނައް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ލައުނަތް ލައްވަވާފައި. ވީއިރު މިފަދަ ބޮޑު ހަރާމްކަމެއް ސަރުކާރުން ކުރުވުމަކީ އެބަޔަކު މުރުތައްދުވެ ދީނުން ބޭރުވާކަމެއް.