126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިފައިންގެ އަހަރީ ދުވަސް ކަމުގައިވާ އޭޕްރިލް 21 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:15 ގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަޙައްދު ފިތުރޯނުމަގާއި އަސުރުމާހިނގުމުގެ ކަންމަތިންނެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަސުރުމާހިނގުމުން، ނިރޮޅުމަގުން، ހުވަނދުމާހިނގުމުން، ފިތުރޯނުމަގަށެވެ. ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ފިތުރޯނުމަގު، އެމްޕީއެލް ސަރަހައްދާ ހަމައަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި މުޅިއެކު ހަތަރު ތަނެއްގައި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވަނީ އަސުރުމާހިނގުމާއި، ނިރޮޅުމަގާއި، ހުވަނދުމާހިނގުމުން ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުގައި އަދި، ފިތުރޯނުމަގު ފެރީ ޓާރމިނަލް ކައިރީގައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިފަހަރުގެ ބޭންޑުން ކުޅޭ ރާގުތަކާއެކު ބޮޑުބެރު ޖަހާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ޝަރަފުގެ ހިނގާލުމެއްގައި މިފަހަރު ސިފައިންގެ ބޭންޑާއެކު ބޮޑުބެރު ތަޢާރަފުކުރެވިފައި މިވަނީ ފުރަތަމަ ފަހަރަށެވެ.