ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތައް ކައިރީގައި ސެނަޓައިޒާ ބަހައްޓަން ފަށައިފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން އޭޓީއެމް ކައިރީގައި ސެނަޓައިޒާ ބަހައްޓަން ފެށިއިރު، ކޮވިޑް-19 އަށް ރާއްޖެ އިން ދެ ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގެ އަލާމާތްތައް ހުރެގެން ބައެއް މީހުން ވަނީ ކަރަންޓީންކޮށްފައެވެ. ބައްޔަށް ޝައްކު ކުރެވޭ ގިނަ މީހުން ޓެސްޓްކޮށްފައިވީ ނަމަވެސް، އެ މީހުން ނެގަޓިވްވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލްގެ ހުރިހާ އޭޓީއެމް ސެންޓަރުތަކާއި ބްރާންޗުތަކުގައި ސެނިޓައިޒާ ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އަދި ރަށްރަށުގައި ހުރި އޭޓީއެމްތަކާއި ބްރާންޗުތަކުގައި ވެސް ސެނަޓައިޒާ ބަހައްޓަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ މާލޭގެ ގިނަ އޭޓީއެމް ސެންޓަރުތަކާއި ބްރާންޗުތަކުގައި ސެނަޓައިޒާތައް ބަހައްޓައިފައެވެ. ސެނަޓައިޒާއަކީ ގިނަ މީހުން އަތް ދޮވުމަށް މިހާރު ބޭނުން ކުރަމުން އަންނަ އެންމެ މުހިންމު އެއް ވަސީލަތެވެ.

އޭޓީއެމްތަކަކީ އެތައް ބަޔަކު ބޭނުންކުރާ ތަނެއް ކަމުން، އަތުގެ ސާފުތާހިރުކަމާއި، ސަލާމަތްތެރިކަމަށް ސެނަޓައިޒާއަކީ ވަރަށް މުހިންމު އެއްޗެއްކެވެ.

ސިއްހީ މާހިރުން ކޮވިޑް-19 އާއި ގުޅިގެން އިރުޝާދު ދެނީ ގިނަ އިން އަތް ދޮވުމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާއެކު، ގިނަ ފިހާރަތަކުން މާސްކް އަދި ސެނަޓައިޒާ ފުޅި ވަނީ ހުސްވެފައެވެ. އަދި އެސްޓީއޯ އިން ވަނީ އާންމުންނަށް ހޭންޑް ސެނިޓައިޒާއި މާސްކް ވިއްކުން ކޮންޓްރޯލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުލެއިމާނު

    ބޯކޮށާ ތަންތަނާއި މިސްކިތްތަކުގައި އަތްދޮވެވޭނެ ސައިބޯނި ނުވަތަ ސެނިޓައިޒަރ ބޭހެއްޓޭވަރު ސަރުކާރުން ނުވާނަމަ މުއަސަދިންގެ ތެރޭގައިވެސް އެވަރުގެ މީހަކު ނެތީބާ! މިސްކިތް ތަކުންވެސް މިހާރު ކިޔަވަން ޖެހޭނީ ކުރުސޫރަތެއް ނޫންތޭ!ކެއްސާ ކިބިހި އަޅާ އަރިދަފުސް ރޯގާ ގެމީހުން ގޭގައި ނަމާދު ކުރަން ކަމާބެހޭ އިދާރާ އިން އަންގަން ނުވޭބާ!

  2. ސަމޭދާން

    ކޮޅާނުލާނެބާ؟