ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރު ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލު މަޖިލިހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

ރޮޒެއިނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ކަމަށް ބުނެފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއެކު ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހައިފި ނަމަ، ބާތިލް ވާނީ އެ ވޯޓުގެ އެ މަގާމެއްގެ ވޯޓެވެ. މުޅި ކަރުދާސް ބާތިލުވެގެން ނުދާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު މިހާރު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓުބޯއި

    ވަރަށް އަވަހަށް އަހަރެން ވޯޓުލާން އަހަރެންގެ ރަށަށް ގެންގޮސްދޭނެ ފަރާތެއް ބޭނުންވެްްޖެ! އަހަރެން ކަރުދާހުގަހުރި ހުރިހާގޮޅިއެއްގައި ހެޔޮފާހަގަ ޖަހާނެކަމުގެ ފުރިހަމަ ޔަގީންކަން ހުރީހާ ކުދިންނަށްދެމެވެ. ކކެކެކެކެކެކެކެކެ
    ސަރުކާރުގެ ވެރިން ގޯ ހޯމް ޕްލީޒް