ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް ހާލު ދެރަ މީހާގެ، ހާލު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާފައިވާ ޓާސްކް ފޯސްގައި ހިމެނޭ ޑރ. މުރާދު ވިދާޅުވީ، މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ދެ ބަލި މީހަކަށް ފަރުވާދެމުންދާ ކަމަށާއި، އެއީ އެތަނަށް އެންމެ ފުރަތަމަވެސް ބަދަލު ކުރި ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީވެސް ކޮވިޑް-19 އަށް ފައްސިވި ދެ މީހުންނެވެ.

"އެތަނުން އެކަކު ހާލު ތަންކޮޅެއް ހާލުބޮޑުކޮށް ކަންތައްތައް ދިއުމުގެ ސަބަބުން ބަދަލުކުރީ، އެހެން ނަމަވެސް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން އޭނާގެ ހާލު ވަރަށް ރަނގަޅު،އަޅުގަނޑުމެން އޭނާއަށް ދެމުންގެންދިޔަ އޮކްސިޖެން ދިނުން ހުއްޓާލެވިއްޖެ، އޭނާ ވަރަށް ސްޓޭބަލް މިވަގުތު، އެއީ މިވަގުތަށް ބަލާއިރު އުފާވެރި ހަބަރެއް:.ޑރ މުރާދް ވިދާޅުވިއެވެ.

ދެވަނަ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މާބޮޑަށް ހާލު ދެރެވެގެނެއް ނޫނެވެ. އެއީ ހާލުބޮޑުވި މީހާއާ ކައިވެނިކޮށްގެން އުޅޭ މީހާއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ދެ މީހަކު ބަލަހައްޓަމުން އައިސް، މިހާރު އެ ދެ މީހުން އައިޖީއެމްއެޗްގެ ކަނޑައެޅިިފައިވާ ސާރީ ވޯޑަށް ބަދަލު ކުރެވިފައިވާ ކަމަށް މުރާދް ފާހަގަކުރެއްވިއެވެ. އެ ދެ މީހުންނަކީ ކޮވިޑް-19 އަށް ފައްސިވި ބައެއް ނޫނެވެ.

"އެއީ އެ ދެމީހުންގެ ދެ ސާމްޕަލް ނެގެޓިވްވެފައި އެހެން ނަމަވެސް އެ މީހުންގެ ފުއްޕާގޭގައި ރޯގާގެ އަސަރު އެބައުޅޭ އެހެންވެ އެ މީހުން ސާރީވޯޑަށް ބަދަލުކޮށްގެންއެ ދެ މީހުންނަށް ފަރުވާ އެބަދެން. އެ ދެމީހުންނަކީ ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހުން ނޫން ގޮތުގައި މި ފާހަގަކުރަނީ". މުރާދް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެ ދެ މީހުންނަކީ ރެސްޕިރެޓަރީ މައްސަލަތަކެއް ހުރެގެން އެ ހޮސްޕިޓަލަށް ގެންދެވުނު ދެ މީހުން ކަމަށެވެ. އެ މީހުންގެ ނަތީޖާތައް ޑަބަލް ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މީހުން މިހާރު ތިބީ ރެސްޕިރެޓަރީ އިންފެކްޝަން ފަރުވާދިނުމަށްޓަކައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި މާބަނޑުމީހާވެސް ޑަބަލް ނެގެޓިވްވެގެން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު