މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް، ކޮވިޑް-19 އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އާއިލާތަކުން ބައްދަލުކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަމަށްޓަކާއި އެމިނިސްޓްރީން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ނިންމާފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީ އިން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  • މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖެއްސުން.
  • މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ އަދި ހުން އަތުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުން ގެންދިޔުމާއި، އެކުދިންގެ ބޮޑީ ޓެމްޕަރޭޗަރ ވަގުތުން ބެލޭގޮތަށް އިންތިޒާމް ކުރުން.
  • ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން 2 ރޫމް، ފިޔަވަތިގައި އައިސޮލޭޝަން 3 ރޫމް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން 2 ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ޙާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޤާއިމުރުމުގެ އެންމެހައި ތައްޔާރީތައް ކުރުން.
  • މަރުކަޒުތަކުގެ ވަދެ ނިކުމެވާ ހުރިހައި ދޮރެއްގެ ކައިރީގައި ހޭންޑް ސެނެޓައިޒަރ ހަރުކުރެވި، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދިނުން.
  • އިމާރާތްތައް ގަވާއިދުން ސާފުކުރަމުން ދިޔުން.
  • ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ މަރުކަޒަކުން ކަނޑައެޅުން. އަދި މިނިސްޓްރީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކުން ކަނޑައެޅުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގައި ހޯމްވިޒިޓް ހެދުމާއި ކޭސްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމުގައި، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މަދުވެގެން 1 ސޯޝަލް ވަރކަރ ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރގައި އަންގާފައިވާ ގޮތަށް ނޭވާލާ ނިޒާމަށްޖެހޭ އެއްވެސް ބައްޔެއް މުވައްޒަފުންގެ ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށް އެންގުން.

މި ފިޔަވަޅުތައް އެޅުމުގެ އިތުރުން ޖެންޑާ މިނިސްޓްރީން ވަނީ އެ މަރުކަޒުތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފިންގާ ޕްރިންޓް ޖެހުމުގެ ބަދަލުގައި ކާޑު މެޝިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކިއެކި އެލާޓް ލެވެލްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ އިންޓާނަލް ޓާސްކް ފޯސްއެއް އެކުލަވާލައިފައެވެ.

މިހާތަނަށް ކޮވިޑް-19 ރާއްޖެއިން ފެނިފައިވަނީ 13 މީހެއްގެ ގައިންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންނެވެ.