ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި ފައިދާހުރި ގޮތެއްގައި އިތުރަށް ގުޅުން ބަދަހިވެ އިތުބާރު ދެމި އޮންނާނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ޗައިނާގެ އާއަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގްއަށް ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި މެސެޖެއްގައެވެ.

އެ މަނިކުފާނުގެ މެސެޖުގައި، މި ފެށުނު އާއަހަރުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ހާމަކުރެއްވިއިރު، ވޭތުވެދިޔަ އަހަރު ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާގެ ރައީސް ދެއްވި އެއްބާރުލެއްވުމަށް މަރުޚަބާ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވަނީ ޗައިނާގެ އާއަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ޗައިނާގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އެ މެސެޖް ނިންމަވާލައްވަމުން، ޗައިނާގެ ރައީސަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެން ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާޞް

    ސޯ ސްވީޓް. ޔާ ﷲ ރައްޔިތުންނާއި ވެރިންގެ ދެމެދަށް ވަންނަން އުޅޭ އަދި އުޅުނު އެންމެން ނިކަމެތިކުރައްވާ ބަލިކުރައްވާފާނދޭވެ. އަދި އިތުރަށް އެފަދަ މީޙުންނަށް ދޯކާދިނުމުގެ ފުރުސަތު ނުދެއްވާފާދޭވެ