ދިވެހިރާއްޖެއާއި އެހެން އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) މެދުވެރިކޮށް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން، ރައީސް އަބްދުﷲ ޔާމީން އާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން، މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޯ.އައި.ސީ. އަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެންމެ ވަރުގަދަ ޖަމުޢިއްޔާ ކަމަށެވެ. އަދި ރާއްޖެއާއި އެހެން އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން، އޯ.އައި.ސީ. މެދުވެރިކޮށް އިތުރަށް ވަރުގަދަކުރުމާއެކު، ބައިނަލްއަޤުވާމީ މައިދާނުގައި އޯ.އައި.ސީ.ގެ ދައުރު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ދެބޭފުޅުން މި ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވިއެވެ.

އަދި، މި އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގައި އޯ.އައި.ސީ.ގެ މަންދޫބުން ޙަރަކާތްތެރިވެވަޑައިގަތުމާއި، ދިވެހިރާއްޖޭގެ މިހާރުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އޯ.އައި.ސީ. އިން އެހީތެރިވެވަޑައިގެންނެވޭނެ ގޮތްތަކާމެދުވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އޯ.އައި.ސީ. އިން އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް އެ ޖަމިއްޔާ އިން ވެދެއްވާނެކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް ޢައިޝަތު ޢާޒިމާ ޝަކޫރާއި، ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.