ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އެޤައުމުތަކުން ދެކޭ ގޮތް ހާމަކުރައްވައި ނެރުންވި ބަޔާނުގައި، ރާއްޖޭގެ އަމަން އަމާންކަމާއި ހަމަޖެހުން ކިލަނބުވާ ކޮންމެ ކަމަކާމެދު އެ ދެ ޤައުމުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކުރައްވައި، މި ކަންތައްތަކަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކެއް ކަމުގައިވެސް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، މި ކަންތައްތައް ޙައްލުކުރުމަށްޓަކައި ރާއްޖޭގެ ދުސްތޫރުގެ ތަރަޙައިގެ ތެރެއިން މަސައްކަތްކުރުމަށް ގޮވާލުމާއެކު، ބޭރުގެ ނުފޫޒެއް ނުވަދެ ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމުގެ ތެރެއިން އެކަށީގެންވާ ހައްލުތަކަށް ވާޞިލުވުމަށް ބާރުއަޅުއްވައި، އެ ގޮތުގައި އެޅޭ ކޮންމެ ފިޔަވަޅަކަށް އެ ދެ ޤައުމުން މަރުޙަބާކިޔާނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް މަގުފަހިވާނެ ކޮންމެ ކަމަކަށް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ދެމުންދާ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނުގެނެސް، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދުންމަތީ އަބަދުވެސް ދެމިތިބޭނެކަމުގައި ދެޤައުމުން ބަޔާންކުރައްވާފައިވެއެވެ.

އަދި، ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމުގެ ތެރެއިން، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި، އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން، ރާއްޖޭގެ ތަރައްޤީއަށް މިހާރު ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ އިތުރުން، އިތުރު 160 މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަމުގައިވެސް މި ދެޤައުމުން ހާމަކުރައްވާފައިވެއެވެ.

މި އެހީއަކީ ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއާ ދިވެހި ރާއްޖެއާ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން، ދިވެހި ރައްޔިތުންނަށް ވެދެއްވާ އެހީތެރިކަމެއްކަމަށާއި، މި އެހީ ޚާއްޞަ ކުރައްވާފައިވަނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ތެރެއިން މަސްވެރިކަމާއި އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކަށްކަން މިޤައުމުތަކުން ފާހަގަކުރައްވައެވެ.

ސަޢުދީ ޢަރަބިއްޔާއިންނާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ރާއްޖޭގެ މައްސަލަތަކުގައި ދާޚިލީ ޙައްލަކަށް ބާރުއަޅުއްވައި، ދިވެހި ސަރުކާރުން ކުރިޔަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ދަމަހައްޓައި، ދިވެހި ސަރުކާރާއި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި، ދިވެހި ސަރުކާރުން، ސަޢޫދީ ސަރުކާރަށާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ.