ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން މިހާރު ގެންގުޅެނީ ވަރަށް ޒިންމާދާރުކަން ކުޑަ ސިޔާސަތެއް ކަމަށާއި، އެ ނިރުބަވެރިކަމުގެ ވިސްނުމުން ގައުމީ ސަލާމަތަަށް ކުރާ ގެއްލުން ކުޑަ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއަށް ދިނީ ހަރުކަށި މީހުން ކަމަށް ސަރުކާރުގެ މުއަސަސާތަކުން ބުނަމުން ގެންދާއިރު، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކީ ހާލަތު އިތުރަށް ގޯސްކުރާނެ ބިލެއް ކަމަށެވެ.

އެއީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލުގައި ފުރަތަމަ ކިޔުން މިދިޔަ މަހުގެ 31 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގަައި އިއްވައިފައިވެއެވެ.

އެބިލާއި އެކު ހަރުކަށި ފިކުރުގެ މީހުންނަށާއި، ލާދިނިއްޔަތު ފަތުރަން މަސައްކަތް ކުރާ މީހުންނަށް އިތުރު ހިއްވަރެއް ލިބިގެން ދާނެ ކަމަށް މަޑުއްވާރީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގައި އެހެން ދީންތަކާއި ފިކުރުތައް ފަތުރަން ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ސަރުކާރަށް ގޮވާލަން އެއްވެސް ޝަރުތެއް ނެތި މި ބިލް އެއްކޮށް އަނބުރާ ގެންދިއުމަށް." ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މީހުންނަށް ގޮންޖަހާ، އެމީހުންނާ ޖަދަލު ކުރުމަކީ ޒިންމާދާރުކަން ކުޑަ ސިޔާސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ ނިރުބަވެރިކަން ހުއްޓުވޭނީ ކުރީ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި "ހިކްމަހަގަކުތު އަމަލީ" ގެ އުސޫލުތަކާއި، ސިޔާސަތައް ގެންގުޅެގެންނެވެ.

އެގޮތުން އޭނާ ވަނީ ކުރީ ސަރުކާރުން ހަރުކަށި ފިކުރު ހުއްޓުވަން ކުރި ބައެއް މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އޭނާ ކިޔައިދެއްވި ގޮތުން ދިވެހިންގެ ތެރެއިން އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުން (އޭތިސްޓުން) އައް އިސްލާމްދީންގެ މަސްދަރުތައް ކިޔައިދީ، ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ކޮށްފައިވެއެވެ.

އަދި ނިރުބަވެރިކަން މަނާ ކުރާ ގާނޫނު ވުޖޫދުކޮށް ނެޝެނަލް ކައުންޓާ ސެންޓަރެއް ގާއިމް ކުރެއްވިއެވެ. މީގެ އިތުރުން ނިރުބަވެރިކަން ފަތުރާ މީހުން ދެނިގަނެ، އެފިކުރު ފަތުރާ ސައިޓްތައް މޮނީޓާކޮށް، ހަރުކަށި ފިކުރާއި ގުޅޭ ގިތުން ދެ ދިރާސާއެއް ހެދި ކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ނިރުބަވެރިކަން ހުއްޓުވުމަށްޓަކައި ބޭރުގެ އެކި ގައުމުތަކާއި އެކު ރާއްޖެއިން އިސްނަގައިގެން ފޯރަމްތައްވެސް ބާއްވާފައިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އި ބ

    އެ މީހުން ގެ ސިޔާސަތަށް ސަރު ކާރު ބޯ ނުލަނބާނެ

  2. ކޮވިޑް

    ސޮރީ ޝަރީފް މިސަރުކާރުން ތިކަން ކުރާނެ ނޫނީ އިންޑިއާ ސިފައިން އިބޫ ކޮށާލާފާނެ. ތި ހުންނަނީ އިންޑިއާ އާއި އެކު ހަދާފައި ހުރި ނުފުއްދާ ދޫނުކުރެވޭނެ ވައުދު ތަކޭ.ރައްޔަތުން ބަޑިޖަހާ މަރާފަ ވެސް ތި ވައުދުތައްފުއްދާނެ. ދިވެހިން ބަލަންތިބޭ؟

  3. ރާގޮޑިރާޖަ

    ޢެހެން ވެގެންދޯ ސަރީފްމެންގެ ސަރުކާރުގަ ފާޑެއްގެ ޑީލެއްހެދީ.

  4. ....

    ހަރުކަށި ފިކުރު ހުއްޓުވޭނީ އިލްމުފޯރުކޮށްދީގެން...