އައްޑޫސިޓީން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފައްސިވެފައިވާ ހަ މީހުންގެ ތެރެއިން ތިން މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. އަދި ބާކީ ތިން މީހުންނަކީ މަރަދޫން ފައްސިވެފައިވާ މީހުންނެވެ.

ހިތަދޫން ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވަނީ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނަށްވާއިރު، މަރަދޫން ފައްސިވެފައިވާ އެކަކީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ބާކީ މީހުންނަކީ ގާތުން ބައްދަލުވެފައިވާ މީހުންނެވެ.

މިއާއި އެކީ އައްޑޫން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 464 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ބަލި ޖެހިފައި ތިބީ 150 އަށްވުރެ މަދު މީހުން ކަމަށް އެސިޓީ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެސިޓީން ބަލި ޖެހުނު ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ ބަލި މީހުން ތިބީ ހިތަދޫގައެވެ. ހިތަދޫގެ ހާލަތު ގޯސްވުމުގެ ސަބަބުން ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ނެގުމަށް ވަނީ އަންގާފައެވެ.

އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށް ދޫކުރަނީ ދެ ފާސް ކަމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.