ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ކޮވިޑް-19 ރިކަވަރީ ޕްލޭން އެއް އެކުލަވާލަން ނިންމައިފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް މުދްރިކަތު މޫސާ ވިދާޅުވީ ކޮވިޑް-19 ގެ އަސަރު ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވުމަށް އެޖަމިއްޔާގެ ފަރާތުން ރިކަވަރީ ޕްލޭނެއް ހަދަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ވިޔަފާރިތަކުން ވެސް އެ ވިޔަފާރިތަކަށް ލިބުނު ގެއްލުމާއި ހުރި ދަތިތައް އެ ޖަމިއްޔާ އާއި ހިއްސާކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެ މައުލޫމާތުތައް ހިއްސާ ކުރުމަށް އެ ޖަމިއްޔާގެ ޗެމްބަރުގެ މެމްބަރަކަށް ވާން ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުދްރިކަތު ވިދާޅުވީ އަމާޒަކީ ސަރުކާރާ ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.

" އަމާޒަކީ ސަރުކާރާ ވީހާވެސް ގާތުން މަސައްކަތް ކުރުން. އަޅުގަނޑުމެން ސަރުކާރާއި ބައްދަލުކުރާނެ އިރެއް ނިންމާނީ ބޯޑުން މަޝްވަރާ ކުރުމަށް ފަހު. އެނގިވަޑައިގަންނަވާނެ ފަދައިން ބޯޑަކީ އާ ބޯޑެއް." މުދްރިކަތު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އާ ބޯޑު އެކުލަވާލީ މި ހަފްތާގެ ތެރޭގައެވެ. އެ ބޯޑުގެ %40 ހިއްސާކުރަނީ އަންހެނުން ކަމަށް ވާއިރު އާ ބޯޑުން ވަނީ ވިޔަފާރީގެ ދާއިރާ އިން އަންހެނުން ކުރިއަރުވާ އަންހެނުން ބާރުވެރިކުރުވަން އިތުރު ސަމާލުކަމެއް ދޭނެ ކަން ފާހަގަ ކުރައްވައިފައެވެ. އަދި އަމާޒަކީ އެ ދާއިރާ އަށް އަންހެނުން ނެރެ، ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައި ދިނުން ކަމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ހާމަކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. އެގޮތުން ބައެއް ވިޔަފާރިތައް ބަނގުރޫޓު ވާ ހިސާބަށް ހާލަތު ގޯސްވި އިރު ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ކުދި ވިޔަފާރިތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު