ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމެއްގެ ހުރުމަތް ކަނޑާލި މައްސަލާގައި ފުލުހުންގެ އިދާރާ 3،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

މިކަން ހިނގީ މަސްތުވާތަކެއްޗާއި ގުޅޭ މައްސަލައެއްގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމެއްގައެވެ.

ފުލުހުންގެ އިދާރާ ޖޫރިމަނާކޮށްފައި ވަނީ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ގާޒީގެ ހުއްދައާ ނުލައި ޝަރީއަތުގެ މަޖިލިސް ދޫކޮށް ފުލުހެއް ދިޔަ މައްސަލައިގައި އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ތުހުމަތުކުރެވޭ މީހާއާއި އެކު އެ އަޑުއެހުމަށް އައިސް ހުރި ފުލުސް އޮފިސަރެވެ.

އެންމެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގެ އަދަބުތަކާއި ހިލާފަށް އެ ފުލުސް މީހާ އެއްޗެއް ކާކަން ފާހަގަކުރެވުމުން އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ، ދީބާނާޒު ފަހުމީ ވަނީ އެ މާލަމުން ނިކުމެ އަނގަ ސާފުކުރުމަށް ފަހު އަލުން އައުމަށް އެ ފުލުސް އޮފިސަރަށް އަންގާފައެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

އަނގަ ސާފުކޮށްގެން އެނބުރި ޝަރީއަތުގެ މާލަމަށް ވަނުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ގާޒީގެ ހުއްދައާ ނުލައި އަނެއްކާވެސް އޮފިސަރު ވަނީ އެ މާލަން ދޫކޮށް ގޮސްފައެވެ.

އޭނާ އެނބުރި އައުމުން ގާޒީ ނިންމެވީ، ޝަރީއަތުގެ ހުއްދަ ނެތި ޝަރީއަތުގެ މާލަން ދޫކޮށް ދިއުމުން ޝަރީއަތުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ފުލުހުންގެ އިދާރާ 3000ރ. ޖޫރިމަނާކުރުމަށް ގާޒީ ނިންމެވިއެވެ.

އެ އޮފިސަރު މާލަން ދޫކޮށް ދިޔަ ސަބަބު އެނގިފައެއް ނުވެއެވެ.

ކޯޓުގެ ހުރުމަތް ކަނޑާލައިފި ނަމަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބެއެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމާށާއި، އެއް މަހަށް ގޭ ބަންދުވެސް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. bރަބޯ

    ޖަލަށްލާ ގޭބަންދު ކުރާނީވެސް ފުލުހުންގެ އިދާރާ ތޯ؟ އެކަން ކުރި މީހާ އަށް އޮތީ ކޮން ހުކުމެއްބާ؟