އަންހެނުން ހިތާނުކުރުން މަނާކުރަން ގާނޫނީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ "ފީމޭލް ޖެނިޓަލް މުޓިލޭޝަން (އެފްޖީއެމް)" އަށް ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ހިތްވަރު ދެެއްވާފައިވާ ކަމަށް ބުނެ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމިޓީން މީގެ ކުރިން ނިންމީ އަންހެނުން ހިތާނުކުރުން ގާނޫނީ ގޮތުން މަނާކުުރުމާއި ގުޅޭ ގޮތުން ކަމާއި އިދާރާތަކުގެ މަޝްވަރާ ހޯދާށެވެ.

އެކަމަކު ގާނޫނަކުން އަންހެނުން ހިތާނުކުރުން މަނާކުރަން މަސައްކަތް ކުރައްވާނެކަމަށް މިދިޔަ އަހަރުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު(ޔޫޕީއާރް)ގައި އެޓަނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެފައިވާތީ ކޮމިޓީން ނިންމީ މިވަގުތު އެކަމުގައި ކުރެވޭ އެންމެ ފަހުގެ މައުލޫމާތު ހޯދާށެވެ.

ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްވީ އެންމެ ފަހުގެ މައުލޫމާތު ހޯދަން ބަންޑާރަ ނައިބަށް ސިޓީއެއް ފޮނުވާށެވެ.

އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދިނުމާ ގުޅިގެން އެތައް ބައެއް ފާޑުކިޔުން އަމާޒުވެ ހޫނު ފެނަށް ވެއްޓުމުން އިޔާޒު ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ އޭނާ އެއްވެސް ގޮތަކަށް ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ.

އެކަމުގައި ޓްވީޓް ކުރެއްވި ސަބަބަކީ އިޔާޒް ވިދާޅުވި ގޮތުގައި އެކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތިވެ އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން ދީނުގައި އެކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުޖެހޭ ވަރަށް ހުއްޖަތު ހުރި މައްސަލައަކަށްވާތީވެ އެކަން ބަޔާންކޮށް ދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ތިކަމާ ނޫޅި ފުރަތަމަ ބަލާބަލަ ރޯޔަލް ފިރިސޮރު ހިފެއްޓޭތޯ؟ އަބަދު ދީނީ ކަމެއްގަ ބަގުޑި ނުބައްދާ؟ ދެރަކަމެއް ހުވާ.

  2. މޮޔަގޮލާ

    ކިހާ ބޮޑު ކަމެއް މިއޮތީ! ކާކުހޭ ތިކަމެއް ކުރަނީ؟ ތިޔަކީ މިރާއްޖޭގައި މިހާރު ކުރާ ކަމެއް ނޫނޭ. އެންމެ ރަނގަޅޭ މި ވާހަކަ ދައްކާ މީސްމީހުން ތިބީ ޚިތާނު ކޮށްފަތޯ ސަރުކާރުން ބެލެން އޮތް ސައްޙަގޮތަކަށް ބަލަން ވެއްޖެނުން؟