ދުވަސްކޮޅެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގައި އެއްމަސް ނުވާ ކުއްޖަކާއި، ނުވަ މަހުގެ ކުއްޖެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑަށް ފައްސިވާ އަދަދުތައް ދަށަށް ދިއުމާއި އެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބޮޑު ބަންދަކާއި ދިމާކޮށް އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. މިއާއެއެކު ކޮވިޑްގެ އިތުރު ރާޅެއް ބޯމަތިވެފައިވާ ކަމުގެ އިންޒާރު ސިއްހީ މާހިރުން މިހާރު އަންނަނީ ދެމުންނެވެ.

ބަންދުގެ ފުރަތަމަ ހަފްތާ ނުނިމެނިސް ކޮވިޑަށް ހުށަހެޅޭ އަދަދުތަކަށް ބަލައި ހާލަތަށް ބަލައި ގިނަ އަދަދެއްގެ ކުޑަކުދިން ބައްޔަށް ހުށަހެޅިގެން ދާނެ ކަމަށް ސިއްހީ މާހިރުން އަންދާޒާ ކުރެއެވެ. ވެކްސިން ނުޖެހޭ މި އުމުރު ފުރާގެ ކުދިންނަށް މި ރާޅުގައި އޮތް ބިރު ބޮޑުކަމަށް ބައިނަލްއަގްވާމީ އެކި ސިއްހީ އިދާރާތަކުންވެސް އަންނަނީ ބުނަމުންނެެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ދުވަސްކޮޅަކަށްފަހު ކުޑަ ދެ ކުއްޖެއް ކޮވިޑަށް ހުށަހެޅުނުކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮވިޑްގެ އިތުރު ރާޅެއް ބޯމަތިވެފައިވާކަމުގެ އިންޒާރު ދިނުމަށްފަހު އޭނާ ވަނީ ސަލާމަތީ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

"މިއަދު ދެ ކުޑަކުދިން ވޯޑްގައި އެޑްމިޓް ކުރެވިގެން ދިޔަ ކޮވިޑް ޖެހިގެން. އެއް ކުއްޖަކީ އެއް މަސްނުވާ ކުއްޖެއް. އަނެއް ކުއްޖަކަށް 9 މަސް ނުވޭ. މީ އިތުރު ރާޅެއްގެ ފެށުންތައް؟" ޑރ. ފައިސަލް ކުުރެއްވި ޓްވީޓްގައިވެއެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގައި މިހާރު އެންމެ ބޮޑަށް މި ބަލި ފެތުރެމުން އަންނަނީ ކުޑަކުދިންގެ މެދުގައި ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވެއެވެ.

އެ އުމުރު ފުރާއަކީ 17 އަހަރުން ދަށުގެ އުމުރުފުރާއެވެ. އެހެންނަމަވެސް 12 އަހަރުން މަތީގެ ކުދިންނަށް ފާއިޒާ ވެކްސިން ޖެހުމުގެ ހުއްދަ ދޭން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމުމާއި އެކު ރާއްޖޭގެ އުސޫލުވެސް ވަނީ މުރާޖާކޮށްފައެވެ. އަދި ރާއްޖޭގައި އެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ދޭން ހުއްދަ ދިން ނަމަވެސް، އަދި އެކަން ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަޅެ އީދު ބަންދައް ކޮވިޑް ވެސް ފިލިއްޔޭ މިހާރު އީދު ނިމުނީމަ ކޮވިޑް އެއައީ.

    3
    2
  2. ދިޔަމިނގިލިމާމަ

    ކަލޭމެން ގެ ބޭނުމަކީ ކޮވިޑްފެތުރުން ...މިކަން ކޮންޓްރޯލްކުރަން ބޭނުންނަމަ މިފަހަރު ތަންތަނަށް ފުރަފުރައިގެން ދާކަށް މީހުނަށް ފުރުޞަތެއް ނުދިނީސް..ކޮންހާ ބޭކާރު ވާހަކައެއް....

    7
    2