ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތަކާއިއެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުން ހަދަން ހުށަހެޅުންތައް ލިބުނު ނަމަވެސް އެކަމާއިމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހެޅުން ލިބުނީ ކޮންބައެއްގެ ފަރާތުންތޯ ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ. މައްސަލައިގެ ޝަރީޢަތް އަދި ކުރިއަށް އޮތުމުން ތަހްގީގުގައި ކުށަށް އިއުތިރާފު ވާން ބޭނުންވަނީ ކޮންބައެއްކަން ހާމަކުރެވެން ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.

އޭގެ ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހެއްގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުންތައް ހަދަން ހުށަހެޅުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެދެމީހުންގެ ނަމެއް ޝަމީމް ވެސް ހާމައެއް ނުކުރެއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ވެސް އިއުތިރާފުގެ އެއްބަސްވުން ހެދޭނެ ޝަރުތުތައް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، މިހާރު އިއުތިރާފުގެ އެއްބަސްވުން ހަދަން އެއްބަސްވެފައިވާ ފަރާތްތަކާއި މެދު ގޮތެއް ނިންމާނީ ގަވައިދުގައި ހުރި ޝަރުތުތައް ހަމަވާކަމަށް ވާނަމަ ކަމަށެވެ.

ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރު ކުރާ މީހަކާއިއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އޭނާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފު ވާން ޖެހޭނެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އަންނަ އަދަބު ކުޑަކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ޝަރީއަތުގައި އެދިވަޑައިގަންނަވަން ޖެހޭނެއެވެ.

މިހާތަނަށް އެންމެ ފާހަގަ ކޮށްލެވޭ އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއިއެކު އެވެ. އެއްބަސްވުމުގެ ދަށުން ދެބޭފުޅުން ވެސް ވަނީ އެބޭފުޅުންގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފު ވެފައެވެ. ބަދަލުގައި ދައުލަތުން ވަނީ އެބޭފުޅުންގެ ޖަލު ހުކުމް ވަރަށް ބޮޑަށް ކުރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    އަދީބުއާއި އެކުވެސް ހެދީ ޑީލް....ދެންވެސް ޑީލް ހަދާ!

  2. އަހްމަދު

    ތިޔައީ ޔާމީނުގެ މައްސަލަ އަކަށް ނުވާތީ އެއްބަސްވުން ހެދޭކަށްނެތް.