ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ދިރިއުޅުއްވަމުން ގެންދެވި ޔާގޫތުގެ ކައިރީ އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ގޮއްވާލަން ހަތަރު ދުވަހެއްގެ މަތިން މަސައްކަތް ކުރިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހަތަރު ދުވަހެއްގެ މަތިން ހަމަލާ ދިނުމަށް މަސައްކަތް ކުރީ 2020 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމީދު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާ އަކީ ނަޝީދަށް އަމާޒުކުރި ތިން ވަނަ ހަމަލާގައި ކަމަށް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާ އަމާޒުކުރީ އެމީހުންގެ ވިސްނުމުގައި ނަޝީދަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އެ މަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށެވެ.

"އެކި ތަންތަނުގައި ރައީސް ނަޝީދު ރަސްމީ ވާޖިބު އަދާކުރުމުގެ ގޮތުން ކުރައްވާފައިވާ ކަންތަކާއި ދައްކަވާފައިވާ ވާހަކަފުޅުގެ ތެރެއިން އެމަނިކުފާނަކީ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރައްވާ މީހެއް ކަމަށާއި ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި މަރާލަން ޖެހިފައިވާ މީހެއްގެ ގޮތުގައި ދެކި އެ ކަމަށް މަގުފަހިކުރުމަށްޓަކައި ތަކުރާރުކޮށް މަސައްކަތްކުރަމުން އައިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.

ކޮމިޝަނަރ ހަމީދު ވިދާޅުވީ ޔާގޫތުގެ ކައިރީ ސައިކަލް ބަހައްޓައިގެން ގޮއްވާލަން ހަތަރު ދުވަހު މަސައްކަތް ކުރި ކަމުގެ މައުލޫމާތު ކުރިން ފުލުހުންނަށް ލިބިފައި ނެތް ކަމަށާއި އެމައުލޫމާތު ލިބުނީ މިމައްސަލައިގެ ތަހްގީގުގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާލޭ ރައްޔިތުންގެ ފުރާނަ ވަނީ ނުރައްކަލެއްގަ
    ސަރުކާރުން ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ
    މާލޭ މަގުމަތީގަ ބޮން ގޮއްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން

    4
    1