ކ. އަތޮޅު ގަމަރުގިރި ކައިރީގައި އޮންނަ ދަ ރިޒް ކާލްޓަން ސްޕާ، ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ އެ ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:29 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފްގެ ޓީމް މިހާރު ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ދަ ރިޒް ކާލްޓަން ސްޕާ، ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް - ފޮޓޯ: އެމްއެންޑީއެފް

"މައުލޫމާތު ދޭ ގޮތުގައި މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ"، އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރިސޯޓްގެ މުވައްޒަފުންގެ މަސައްކަތުން އެ ރިސޯޓްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި ރޯވެފައި ވަނީ ވޯޓާ ވިލާއެއްގެ ފަންގިފިލާގައި އާއި ފާހަނާގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ދަ ރިޒް ކާލްޓަން ސްޕާ، ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް - ފޮޓޯ: އެމްއެންޑީއެފް

"އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވޯޓާ ވިލާއަށް ލިބިފައިވޭ،މި ހާދިސާގައި މީހަކަށް އަނިޔާވި ކަމަށް އަދި ރިޕޯޓެއް ލިބިފައެއް ނެތް". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްއެންޑިއެފްގެ ފަޔާ ޓީމުން އެ ރިސޯޓްގެ އަލިފާން ރޯވި ސައިޓްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.