ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއްޔެ ނެރުއްވައިފައިވާ، އެންގުމުގައި، އެ އެޖެންސީން ކަނޑައަޅުއްވައިފައިވާ ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ހުޅުވައިލައްވައިފައިވާތީ، އޮގަސްޓު 8 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށިނަމަވެސް، 1 ޖުލައި 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހައި އިދާރާއަކުން ޢަމަލުކުރެއްވުމަށް ވަނީ އަންގަވާފައެވެ.

އަދި، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށާއި، ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް މި ދެންނެވުމުގައިވެއެވެ.

އޭގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތީން ދެމުން ގެންދިޔުމަށާއި، އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ދެންނެވުމުގައިވެއެވެ.

މި ދެންނެވުމުގައި އިތުރަށް ބަޔާންކޮށްފައިވާގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރުމަށާއި، އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓް ކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒު ކުރުމުގެގޮތުން ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށްވެސް ދެންނެވުމުގައި އަންގަވައިފައިވެއެވެ.

އަދި، ކޮވިޑް- 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ދެންނެވުމުގައި ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޫނި ރާއްޖެ

    ރަނގަޅު. ލައްކަ ދުވަސް ވެއްޖެ ތިޔަ މީހުން ކަމެއް ނެތި ގޭގައި ގިނަ ދުވަސް ދުވަހު ތިބޭތާ. އެހެން ކަމެއް ނެތި ތިބި އިރު ކޮވިޑްގެ ކަމެއްގައި އެހީތެރިކަމެއްވެސް ވީކީ ނޫން. ހަމަ ރައްޔިތުންގެ ފައިސާއިން މުސާރައާ އެލަވަންސްތައް ނަގައިގެން ތިބީ. އެހެން ގައުމެއްގައި ނަމަ މި މީހުން ގައުމީ ހިދުމަތަށް ކޮވިޑުގައި ނެރޭނެ. މިތާގައި އޮންނަނީ އެންމެންވެސް ފަސޭހަ ގޮތަކަށް ރައްޔިތުންގެ ފައިސާ ކާލައިގެން ތިބުން. ކުދި ސޯބު އެބުރެނީ ބޮޑެތި ސޯބުތައް އެބުރޭ ގޮތަށް. މިއޮތީވާ ކަންނެތް މަކަރުވެރި ގައުމެއް.