އއ.ހިމަންދޫން އިތުރު 19 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އެރަށުން ކޮވިޑް ފެނިގެން އެރަށް ބަންދުކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުގައި ބަލީގެ ހާލަތު ދަނީ ގޯސްވަމުންނެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ، އައްޑޫން އެރަށަށް ޗުއްޓީއަށް ދިޔަ އެރަށު މީހެކެވެ. އޭގެ ފަހުން އެ މީހާއާ ގާތުން އެއްތާވި ބަޔަކުވެސް ފައްސިވެފައި ވެއެވެ.

އޮގަސްޓް ތިން ވަނަ ދުވަހުގެ ފަހުން މިހާތަނަށް އެރަށުން 37 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ހިމަންދޫ ހެލްތު ސެންޓަރުން އިއްޔެ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ކޮވިޑް-19 އަށް އެރަށުން ފައްސިވެފައި ވަނީ ނުވަގެއެއްގެ މީހުންނެވެ. ނަމަވެސް އޭގެ އިތުރުން މިއަދު ފައްސިވި މީހުންނާއިއެކު ފައްސިވި މީހުން ނިސްބަތްވާ ގެތައް އިތުރުވެފައިވުން އެކަށީގެންވެއެވެ. މިއަދު ފައްސިވި މީހުންނާއި ގުޅޭ ގޮތުން ހިމަންދޫ ހެލްތު ސެންޓަރުން ވެސް އަދި ރަށު ކައުންސިލުން ވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހިމަންދޫ ހެލްތު ސެންޓަރުން ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހުރިހާ ފަރާތްތަކުން ވެސް މާސްކް އެޅުމަށާއި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު