ސްކޫލް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން އޮންލައިންކޮށް ކިޔަވައިދެވޭނެ ލޯކަލް ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ޕްލެޓްފޯމް ޕައިލެޓް ކުރެވިފައިވާ ކަމަށެވެ. އަދި މި ޕްލެޓްފޯމަށް ޓީޗަރުން އަހުލުވެރި ކުރުމުގެ މަަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެހެންނަމަވެސް ސްކޫލަށް ހާޒިރު ނުވެ އޮންލައިންކޮށް ކިޔަވައިދިނުމަކީ ދަރިވަރުންނަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"ސްކޫލަށް ހާޒިރު ނުވެ އޮންލައިންކޮށް ރާއްޖެ ފަދަ ގައުމެއްގައި ކިޔަވައިދިނުމަކީ ދަރިވަރުންނަށް ވަރަށް ގެއްލުން ހުރި ކަމެއް. އެހެންނަމަވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ވާނީ އޮންލައިންކޮށް ކިޔައިވައިދޭން ލޯކަލް ޕޯޓަލްއެއް ޕައިލެޓްކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ ކޮވިޑް-19 ވޭދަނަތައް ފެތުރެމުންދާތީ މޮނީޓަރިންގްއަށް ލެވިފައިވާ ރަށްތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ކޮވިޑްގެ އިތުރު ރާޅަކަށް ރާއްޖޭގެ ތައުލީމީ ނިޒާމް ތައްޔާރުވެފައިވާ ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގްރޭޑް ނުވަޔަކުން މަތީ ގްރޭޑުތަކަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޓެކްސް ފޮތުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގްރޭޑް ނުވައަކުން ފެށިގެން ގުރޭޑު 11ގެ ދަރިވަރުންނަށް ކިޔަވައިދޭނީ ޓެބްލެޓުންނެވެ. އަދި އެ ކުދިންނަށް ދޭނީ ޑިޖިޓަލް ޓެކްސް ފޮތެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތަކަކީ ބޭރުން ގެންނަ ފޮތްތަކެއް ކަމަށާއި ކޮވިޑުގެ ހާލަތާއި ގުޅިގެން ފޮތްތަށް ގެނައުން ލަސްވެފައިވާ ކަމަށެވެ.

އެގޮތުން ސްކޫލް ހުޅުވެންވާއިރަށް ހުރިހާ ފޮތްތައް ދަރިވަރުންނަށް ދިނުމަށް އަމާޒު ހިފާފައިވާ ކަމަށްވެއެވެ. އެންމެ ލަސްވެގެން މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ޓެކްސްޓް ފޮތް ދެވޭނެ ކަމަށް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތައް ނުލިބޭ ފޮތްތަކުގެ ސޮފްޓް ކޮޕީ މިހާރު ދަރިވަރުންނާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެރަވޭ

    ނާގާބިލު އަންހެނެއްް ވެރިކަމުގަ ހުރިމީހެކޭ މީނައެކޭ ތަފާތެއްނެތް މަކަރާހީލަތްތެރި ކަމުންގޮސް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގޭ.