ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފެށި ކ. އަތޮޅު ކާށިދޫން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ފައްސިވެއްޖެއެވެ.

މިހާރު އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ގިނަބަޔަކު ފައްސިވަމުންދާ ކަށިދޫން، އިއްޔެވެސް ނުވަ މީހަކު ވަނީ ފައްސިވެފައެވެ. އެރަށުގައި ފައްސިވާ އަދަދުތައް ދަށަށް ނުދެއެވެ.

މިހާރު ފަތުރުވެރިންގެ ކަރަންޓީން މަންޒިލެއްގެ ގޮތުގައިވެސް އޮތް އެ ރަށުން ޖުލައި 13 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 207 މީހަކު ފައްސިވެފައި ވެއެވެ.

އެރަށުގައި މިހާރު ތިބީ އިންޑިއާ ފަތުރުވެރިންތަކެެވެ. ކޮވިޑާއި ގުޅިގެން ރަށް ބަންދުކޮށްފައި އޮއްވާ އެރަށަށް ފަތުރުވެރިން ގޮސްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުންނެވެ. އެހެން ނަމަވެސް މިހާތަނަށް އެ ފަތުރުވެރިންގެ ތެރެއިން މީހަކު ފައްސިވެފައި ވެއެވެ.

އެރަށުން ފުރަތަމަަ ފައްސިވީ ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެކެވެ. އޭގެ ފަހުންވެސް އެރަށުން ތަރުތީބެއް ނެތި ނަގާ ސުންކުތައް ފައްސިވެގެން ގޮސްފައިވާއިރު، ރަށުގެ ބަލީގެ ހާލަތު ރަނގަޅެއް ނުވެއެވެ.

މިހާރު އެރަށުން މިފަހަކުން ބަލި ޖެހުނު މީހުންގެ ތެރެއިން 82 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 125 މީހަކު އަދިވެސް ފަރުވާދެމުން ދެއެވެ.

އެރަށުން ކުރިން ފައްސިވި ވޭދަނަތަކާއެކު އެރަށުން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 241 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު