ޅ. އަތޮޅު ކުރެންދޫއަށް ބޮޑެތި ރާޅުތައް އަރައި ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަން ލިބުނު އެރަށު ބޮޑު ދަނޑަށް ގެއްލުންވުމުން، އެރަށު ރައްޔިތުން ނަމޫނާ ދައްކައި ދަނޑު ސާފު ކޮށްފިއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިމާއު "ވަގުތު" އަށް ވިދާޅުވީ ދަނޑު ސާފުކުރުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންނަށް ގޮވާލުމުން، އެކަމަށް އިޖާބަދީ ރަށުގެ ގިނަ އަދަދެއްގެ މީހުން ދަނޑު ސާފުކުރަން ނުކުތް ކަމަށެވެ. އަދި މިހާރު ދަނޑު ސާފުކުރުމުގެ 85 އިންސައްތަ ނިމިފައިވާ ކަމަށާއި، ބާކީ އޮތްބައި މާދަމާ ނިންމާލެވޭނެ ކަމަށް ޝިމާއު ވިދާޅުވިއެވެ.

ޅ. ކުރެންދޫ--- ފޮޓޯ: ބުކިން ޑޮޓް ކޮމް

ޝިމާއު ވިދާޅުވީ، ދަނޑަށް ގެއްލުން ލިބިފައި ވަނީ އާދަޔާ ހިލާފަށް އުދަ ރައިގެން ކަމަށެވެ. އަދި އެ ސަރަހައްދަށް އާއްމުކޮށް އުދަ ނާރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެރަށު ދަނޑަށް މިހާ ބޮޑަށް ރާޅު އެރި ފުރަތަމަ ފަހަރެވެ.

އެ ރަށަށް ރާޅު އެޅުމުގެ ސަބަބުން އެރަށުގައި 2018 ވަނަ އަހަރު ގާއިމްކޮށްފައިވާ ރީތި ދަނޑު ވަނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ.

ކުރެންދޫ ފުޓްބޯޅަ ދަނޑަށް އުދަ އަރާފައި - ފޮޓޯ: އަހްމަދު މިހާދު
ކުރެންދޫ ފުޓްބޯޅަ ދަނޑަށް އުދަ އަރާފައި - ފޮޓޯ: އަހްމަދު މިހާދު

މީގެ ދެތިން ދުވަސް ކުރިން ދައުރުވަމުންދިޔަ ފޮޓޯތަކުން ދަނޑުމައްޗައް ގަލާއި، ވެލި އަދި ކުނި އެޅިފައި ހުރި މަންޒަރު ފެނިގެން ދެއެވެ.

އެ ދަނޑު ތަރައްގީކޮށްފައި ވަނީ ރަށުގެ ރައްޔިތުންގެ އެހީއާއި އެކުގައެވެ. ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ ރުފިޔާ ރައްޔިތުންގެ ޖީބުން ހަރަދު ކުރިއެވެ. ކުރެންދޫ ރައްޔިތުންނަކީ އަބަދުވެސް އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާލުފޮޅި

    ދެން އެހެން ކޮންބައެއްތަ ނުކުންނަން ޖެހެނީ.. އެރަށު ރައްޔިތުންގެ ތަނެއް، އެހެންވީމަ އެމީހުންދޯ ސާފުކުރަން ޖެހޭނީވެސް..

    6
    2
  2. ޖާދޫ

    ޝުކުރިއްޔާ ރައީސް ޔާމިން ބިންހިއްކައިގެން މިރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އެމަނިކުފާނުގެ ވެރިކަމުގަ އަޅުއްވާދެއްވި ދަނޑެއްމީ

  3. މއކ

    4 މިލިޔަން ހަރަދުކޮއްގެން ރަށުގެ ތައުލީމައް ނޫނީ ސިއްހީ ކަންކަމައް ހަރަދު ކުރިނަނަ.

  4. އިބްރާހީމް

    ޚަބަރު ކިޔާނިމުނު އިރުވެސް ނޭނގޭ ފުޓްބޯޅަ ދަނޑެއްކަމެއް، ނޫނީ ދަނޑުވެރިކަންކުރާ ދަނޑެއްކަމެއް. ލިޔުންތެރިޔާ މިކަންކަމަށް ވިސްނަވައި ލިޔުންވުން ރަނގަޅުވާނެކަމަށް ފެންނާތީ ދަންނަވާލީ. ވަރަށް ސަލާމް.

  5. ބޯކިބާ

    ގަލޮޅުދަނޑު ސާފުކުރާކަށް މާލޭ ރައްޔިތުން ދުވަހަކުވެސް ނުނެރޭ، ރަށްރަށު ދަނޑު ސާފުކުރަން ރަށު ރައްޔިތުން ނިކުންނަން ޖެހެނީ ކީއްވެގެންބާ.