ސިވިލް ސާވަންޓުންނަށް ބޭނުން ސިޔާސީ ފިކުރެއްގައި ތިބެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުން ސިޔާސީ މަސައްކަތް ކުރުން މަނާ ކުރުމުން މިދިޔަ ހަފްތާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ހުންނަން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. "ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮއްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލްސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް އޭގެ ގޮތުގައި ތަންފީޛު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ގައުމީ ޚިދުމަތުގެ ފައުޖު." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން ކަމަށެވެ. ނުރުހޭ އެތަށް ކަމަކާ، އަހަން ބޭނުން ނުވާ އެތަށް އަޑަކާ، ދެކެން ބޭނުން ނުވާ އެތަށް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ޑިމޮކްރަސީއެއް އެކުވެ ޝާމިލްވަނީ، އެހުރިހާ ބައިތަށް ހިމެނިގެން. ގަދަ އަޅާ ހިފަހައްޓާން ޖެހެނީ ހަމައެކަނި ގައުމިއްޔަތުގެ ބަހާތަށް. އެއީ، މާތްވެގެންވާ އިސްލާމް ދީނާ، މިނިވަންކަމާ ސިޔާދަތާ، ތާރީޚާ އާދަކާދައާ، ބަހާ ސަގާފަތް. އެއީ ހުރަސް ނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތްނޭދޭ އެތަށް ނަމަކާ ކަމެއްގެ ތެރޭންވެސް، އަލުން އަނބުރާ މަންޒިލް ހޯދާ ބަޔަކީ ދިވެހި ލޮބުވެތި ރައްޔިތުން ކަމަށެވެ. ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރާން ޖެހުނު ވަކި ޚާއްޞަ ކަންތަށްތަކެއް ހުރި ކަމަށާއި އެއީ ޑިމޮކްރަސީ ޢިއާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިނބޫ

    މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް. ވައްކަމާއި ސިޔާސީ މަގާމުތަކާއި ރައްޔިތުންނައް ވަޒީފާގެ ބިރުދެއްކުން ހައްދުފަހަނަ އަޅަފައި ހުރި ވެރިކަމެއް.

  2. ޟމ

    މުނާފިގު ރައީސް😡

  3. ޙަަަހަ

    މީ ދެފުއްކެހެރި ބައެއްނޫންތަ ، އިއްޔެ ހަމަ މިމީހުންބުނީ ސިވިލްސާވިސް މިހުން ސިޔާސީ ކަންކަމުގައި އުޅެއްޏާ ފިޔަވަޅުއަޅަނަމޭ ، މިއަދު މިބުނީ އޯކޭއޭ ، ހަމަ ރާވާގެންކަންނޭނގެ ، ދެން ރައްޔިތުން ބުނަންވީ އިބޫ ހާދަ ހެޔޮފުޅޭ

  4. ފިޔަވަޅު

    އަނގަ މަތީ މަލަން އަޅައިގެންތޯ ފިކުރުގާ ތިބެންވީ

  5. ނޫރ

    ރައީސުގެ މަށްސަލައަކީ އަމަލާއި ބަހާ ދިމާ ނުވުން.

  6. ކޮރޯނާ

    އެކަމު ލާދީނީ ފިކުރު ނޫން ފިކުރެއްގެ ވާހަކަ ދެއްކުން މަނާ! ދެއްތޯ؟