ކުޑަކުދިންނަށް ހާއްސަކޮށްގެން އަޅާ ޖަލުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މަރުކަޒުކޮށްގެން ކުޑަކުދިންގެ ބޭތިއްބުމަކީ އެންމެ ފަހު ހައްލު ކަމަށެވެ.

ކުށަށް ހުށަހެޅިފައިވާ ކުދިން ކުށުން އެކަހެރި ކުރުމަށްޓާކައި ތަފާތު ޕްރޮގްރާމްތައް ރާވާ އެ މަސައްކަތް ކުރުމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ތަމްރީނު ކުރެވިފައިވާ މުވައްޒަފުން ނެތުންކަމަށް ވިދާޅުވިއެވެ. އދ. ތަފާތު ޖަމީއްޔާތަކާ އެކު މަސައްކަތްކޮށް މިހާރު ރަނގަޅު މަގެއް ހޯދިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި މުއާމަލާތުކުރަން ޖެހޭ ހުރިހާ މުއައްސަސާއެއް އެކުގައި ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި ހާއްސަ ކޮމިޓީއެއް، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ ދަށުން ވަނީ އުފައްދާފައެވެ.

ޖޭޖޭޔޫގެ ދަށުގައި ކުޑަކުދިން ބޭތިއްބިމަށް ހަމަޖެހިފައިވާ މަރުކަޒުގެ މަސައްކަތް ދ. އަތޮޅު ކުޑަހުވާދޫގައި ކުރިއަށްދާ ކަމަށް އިމްރާނު ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) ގެ ރިޕޯޓަކަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ، ދޫނިދޫ ކަސްޓޯޑިއަލް އަކީ ކުށް ކުރާ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނޫން ކަމުގައެވެ. އެހެންވެ އެކަށީގެންވާ ޖަލެއް ވީ އަވަހަކަށް ބިނާ ކުރަން ވަނީ އަމުރުކޮށްފައެވެ.