ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މަސްލަހަތެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ އަމިއްލަ މަސްހަލަތު ހިމެނޭ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން އަންނަކަން ވިދާޅުވެފައެވެ.

އެކަމުގައި އިދިކޮޅުން ދެކޭ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އެކޯލިޝަންގެ ތަރުޖަމާނު ހީނާ އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ކެމްޕޭނުގައި ރައީސް ޔާމީންގެ އަމިއްލަ މަސްލަހަތެއް ނޯންނާނެ ކަމަށާއި އެމަކުފާނަކީ ވަތަނީ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީނުގެ އެއްވެސް އަމިއްލަފުޅު މަސްލަހަތެއް އިންޑިއާ އައުޓް ކެމްޕޭނަކު ނޯންނާނެ. ރައީސް ޔާމީނަކީ ވަތަނީ ބޭފުޅެއް." ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ބަސްބުނަން ކެރޭނެ އަދި އަޅުވެތިވުމާއި ދެކޮޅަށް ތެދުވަން ކެރޭނެ ޕާޓީއެއް ކަމަށެވެ.

"އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރި ނުވުމަށްޓަކައި ދައްކަމުންދާ ވާހަކަ އަކީ އެއީ ހަގީގަތުގައި އެފަދަ ފަރާތްތަކުން ގައުމަށް ގައްދާރުވުމަށްޓަކައި ދެކެވޭ ވާހަކައެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ" ހީނާ ވިދާޅުވިއެވެ.

އިތުރަށް ހީނާ ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކު އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބެން ބޭނުމެއް ނުވާ ކަމަށާއި އެކަމަށް ޕީޕީއެމް/ޕީއެންސީން އަބަދު ވެސް ވަކާލާތު ކުރާނެ ކަމަށެވެ.

މި ސަރުކާރުން އައި ފަހުން އިންޑިއާ އާއި އެކު ވަނީ ގާތް ގުޅުމެއް ބާއްވާފައެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އެގައުމުގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް މިސަރުކާރުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    އިންޑިއާ މިލިޓަރީއާއި އިންޑިއާ އެމްބަސީއާއި އިންޑިއާ ބޭންކް ރާއްޖެއިން ބޭރުކުރިއަސް އިންޑިއާގެ 000'30 ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރާނަމަ އިންޑިއާގެ ފަރާތުން އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ. ދަގަނޑު ކެނޑޭނީ ދަގަނޑަށްވުރެ ހަރުއެއްޗަކުންނެވެ. ރާއްޖެއޮތީ އެގޮތަށެވެ.

  2. ޕެނެތިން

    ތީހަމަ ޔާމީނުގެ 2023 ރިޔާސީ ކެމްޕޭން ތިކަމުގައި އަމިއްލަ އެދުން ނޫން އެހެން ކަމެއްނެތް މިތާތިބީ ހަތިޔާރެއް ނެތް 75 ސިފައިންގެ މީހުން