ކޮވިޑް-19 ފެނިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބަންދު ކުރި މ. މުލަށް އާއްމު ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް ފެނިގެން އެރަށް ބަންދު ކުރީ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ވޭދަނަތަކެއް ދިޔައީ ފެންނަމުންނެވެ.

އެރަށުން އެންމެ ފަހުން ކޮވިޑް ވޭދަނަތަކުގެ އަދާހަމަތައް ހާމަކޮށްފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. އެ ދުވަހާއި ހަމައަށް އެރަށުން 455 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ދުވަހާއި ހަމައަށް ދެ މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އެރަށް މޮނީޓަރިންގް ހާލަތުން ނެގުމުން މިހާރު ރާއްޖޭގައި މޮނީޓާރިންގް ހާލަތުގައި އޮތީ ހަތް ރަށެކެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު މިހާރު ވަނީ ގޯސްވެފައެވެ. އެގޮތުން ފާއިތުވި ދެ ދުވަހުވެސް ރާއްޖޭގައި ކޮވިޑް ވޭދަނަތައް އުޅުނީ 200 އިން މަތީގައެވެ. އަދި ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ކުރިއަށް އޮތް ތިން ހަފްތާގައި މައްޗަށް ދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާ ދެއްވާފައެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް މަތިވެފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ފެނިފައިވާ އޮމިކްރޮން ވޭރިއެންޓް ރާއްެޖެއިންވެސް ވަނީ ފެނިފައެވެ. އޮމިކްރޮން ވޭރިއެންޓަކީ ވަރަށް ފަސޭހައިން ފެތުރޭ ކޮވިޑްގެ ވައްތަރެއްކަން ވަނީ ފާހަނގަވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު