ރާއްޖެ އިން އުމްރާއަށް ގޮސް ތިބި 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާއަށް ގޮސް ތިއްބާ ކޮވިޑަށް ފައްސިވި މީހުންނަކީ ތަވައްކަލް ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ގޮސް ތިބި ބައެކެވެ. އެމީހުން ކޮވިޑަށް ފައްސިވިކަން އެނގުނީ އުމްރާގެ އަޅުކަން ނިންމުމަށް ފަހު ރާއްޖެ އަންނަން ކޮވިޑް ޓެސްޓް ހެދުމުންނެވެ.

ސައުދީ އަރަބިއްޔާ އިން ކަނޑައަޅާފައިވާ އުސޫލު ބުނާ ގޮތުން އުމްރާއަށް ގޮސް ތިއްބާ ކޮވިޑަށް ފައްސިވާ މީހުން ކޮވިޑަށް ފައްސިވާތާ ފަސް ދުވަސް ފަހުން އަނެއްކާ ވެސް އިތުރު ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެއެވެ. އެޓެސްޓްގެ ނަތީޖާ އިން ކޮވިޑަށް ނައްސިވެއްޖެނަމަ އެމީހުންނަށް ރާއްޖެ އައުމުގެ ހުއްދަ ލިބޭނެއެވެ.

ކޮވިޑަށް ފައްސިވި މީހުން އިތުރަށް ސައުދީ އަރަބިއްޔާގައި މަޑުކުރަން ޖެހުނު ނަމަވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އުމްރާގެ އަޅުކަން އަދާކުރާ މީހުންގެ އިންޝްއަރެންސް ޕެކޭޖުން އިތުރަށް ކުރަން ޖެހޭ ހަރަދުތައް ކަވަރު ކުރާނެއެވެ.

އުމްރާއަށް ގޮސް ތިއްބާ ދިވެހިންގެ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅޭ ގޮތުން ތަވައްކަލް ގްރޫޕްގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

ސައުދީ އަރަބިއްޔާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށް ފަހު މީގެ ހަފްތާއެއްގައި ދުވަސް ކުރިން އަނެއްކާ ވެސް ވަނީ ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިހާރު ސައުދީ އަރަބިއްޔާ އިން ވަނީ ހަރަމްފުޅުގައި ގައިދުރުކޮށްގެން ނަމާދު ކުރަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭބަ

    ކިހިނެއް ވާނެ ކަމެއް؟

    1
    1